އިންޑިއާގެ ފުންނާބު އުސް ފިލްމީ ތަރި އާރް މާދަވަން، އޭނާގެ ކުރިއަށް އޮތް ފިލްމު "ޖީ.ޑީ.އެން" ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ. މި ފިލްމުގައި މާދަވަން ފެނިގެންދާނީ "އިންޑިއާގެ އެޑިސަން" ގެ ނަމުން މަޝްހޫރު ޖީ.ޑީ. ނައިޑޫގެ ސިފައިގައެވެ.
ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި 43 ސިކުންތުގެ މި ވީޑިއޯގައި "އަމިއްލަޔަށް ތައުލީމު ހާސިލުކުރި އިންޖިނިއަރ އަދި ސިނާއީ މަސައްކަތްތެރިޔާ" ޖީ.ޑީ. ނައިޑޫގެ ރޯލުން ފެނިގެންދާއިރު، މާދަވަންގެ ސޫރަ ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަވެއެވެ. ވީޑިއޯގައި ނައިޑޫގެ ގޮތުގައި މާދަވަން މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ފެނިގެންދެއެވެ.
މި ޓީޒާއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މާދަވަންގެ އެކްޓިން އާއި އޭނާގެ ބަދަލުވެފައިވާ ސޫރައަށް ތައުރީފުކޮށްފައެވެ.
"ޖީ.ޑީ.އެން" ގެ މަސައްކަތަށް ބަލާއިރު، މި ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ ކްރިޝްނަކުމާރު ރާމަކުމާރު އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވާގީސް މޫލާން ޕިކްޗާސްގެ ވާގީސް މޫލާން އަދި ވިޖޭ މޫލާން އާއި ޓްރައިކަލާ ފިލްމްސްގެ އާރް މާދަވަން އަދި ސަރިތާ މާދަވާން ގުޅިގެންނެވެ.
ފިލްމުގައި މާދަވަންގެ އިތުރުން ސަތިޔަރާޖް، ޖައިރާމް، ޕްރިޔާމަނީ، ދުޝާރާ ވިޖަޔަން، ތަންބީ ރާމަޔާ އަދި ވިނޭ ރާއީ ފަދަ ތަރިން ވެސް ހިމެނެއެވެ. މިހާރު ފިލްމުގެ މަސައްކަތް ކުރިއަށްދާއިރު، "ޖީ.ޑީ.އެން" ދުނިޔޭގެ އެކި ކަންކޮޅުތަކަށް 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒްކުރުމަށް ވަނީ ހަމަޖައްސައިފައެވެ. ފިލްމުގެ މިޔުޒިކް ހަދާފައިވަނީ ގޯވިންދު ވަސަންތާ އެވެ.
ޕްރެސް ނޯޓެއްގައި ބުނެފައިވާ ގޮތުގައި، "ޖީ.ޑީ. ނައިޑޫ އީޖާދުކުރުމާއި، ސައިންސާއި، އާންމު ޚިދުމަތަށް ކުރެއްވި ބުރަ މަސައްކަތްތަކުން އިންޑިއާގެ ތާރީހުގައި އޭނާއަށް ހާއްސަ ގޮނޑިއެއް ކަށަވަރުކޮށްދިނެވެ. 'އިންޑިއާގެ އެޑިސަން' އަދި 'ކޯއިމްބަތޫރުގެ މުއްސަނދިކަން އުފެއްދި ފަރާތް' ގެ ނަމުން މަޝްހޫރު ނައިޑޫގެ ވާރިސަށް މިހާރު ވެސް ޝަރަފު ލިބެމުންދަނީ މި ފިލްމުގެ ސަބަބުން އެކަންޏެއް ނޫނެވެ. ޓަމިލްނާޑޫގެ އެންމެ ދިގު ބްރިޖަށް އޭނާގެ ނަން ދިނުމަކީ ވެސް އެ ޝަރަފުގެ ބައެކެވެ." ޖީ.ޑީ. ނައިޑޫގެ ހާއްސަ ދިރިއުޅުން މި ފިލްމުން ދައްކުވައިދޭނެ އެވެ.
މިންހާ ފާއިޒް ރަޝާދު
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް