ޅ. ނައިފަރުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
އެމްއޭސީއެލްއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައެވެ.
އެމްއޭސީއެލްއާ އެ މަޝްރޫއު ހަވާލުކުރުމަށް ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ނައިފަރުގެ ޒުވާނުންނަށް ވަރަށް މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި އެމްއޭސީއެލްއާ ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި 1200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭ ޖާގައާއެކު، އިންޑޯގައި ކުޅެވޭ ހުރިހާ ކުޅިވަރެއް ހިމެނޭނެ ކަމަށެވެ.
އޭގެ އިތުރުން ވެސް ފީފާ ސްޓޭންޑަޑަށް ނައިފަރުގެ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށާއި އެ މަޝްރޫއުގެ ދަށުން ރޮސްޓްރަމް ބޮޑުކޮށް، ޓާފް ބަދަލުކޮށް އަދި ލައިޓުތައް އިތުރުކުރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރު