ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް ހަދައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހިންނަވަރުގައި މިހާރު ކުރިއަށްދާ ހައުސިން މަޝްރޫއުގެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށެވެ. ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓުގެ މަސައްކަތް ކުރާ ކުންފުނިން އެ މަސައްކަތް ހުއްޓާލާފައިވަނީ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން ނޫން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ހިންނަވަރުގެ ހައުސިން މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏާ ވާހަކަދައްކައިގެން މަޝްރޫއުގެ މަސައްކަތް ފެށޭތޯ ބެލިނަމަވެސް އެކަން ކުރެވިފައިނުވާ ކަމަށެވެ. އެހެންވެ އެއްބަސްވުން ބާތިލުކޮށް، ހައުސިން ޔުނިޓުގެ މަސައްކަތް ކުރެވޭނެ ފަދަ ގާބިލު ކުންފުންޏަކާ އެކަން ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުންފުނި ލައްވާ މަސައްކަތް ކުރުވަން ވަރަށް މަސައްކަތް ކުރެވިއްޖެ، އެކަމަކު އެކަމެއް ނުހިނގި. ގާނޫނާއި ގަވާއިދުގެ ތެރެއިން ސަރުކާރުން އެ މަސައްކަތް ޓާމިނޭޓްކޮށްގެން އަލުން ބަޔަކާ ހަވާލުކުރަން ނިންމާފައިވަނީ. އެކަން ކުރާނެ ސަރުކާރުން. ބޭނުންވަނީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދިނުން" ރައީސް ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އަލުން 100 ހައުސިން ޔުނިޓް އެޅުމަށް ވެސް ވާނީ ނިންމާފައި"

ރައީސް ވިދާޅުވީ ވެރިކަން ބަދަލުވުމާއެކު ބައެއް މަޝްރޫއުތައް ހިންގަން ހަވާލުވި ކުންފުނިތަކުން ވަނީ އެ މަޝްރޫއުތަށް ދޫކޮށް ގޮސްފައި ކަމަށެވެ.

ހިންނަވަރުގައި ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮންނަ އިރު، އެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ތޮއްޖެހިފައިވާ ގޮތަކަށްކަމަށް ރައީސް ވިދާޅުވިއެވެ. ހިންނަވަރުގެ ބިން ހިއްކައިފައި އޮތް ނަމަވެސް އެ ބިމުގެ ބޭނުން އެންްމެ ރަނގަޅަށް ކޮށްފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. ހިއްކި ސަރަހައްދުގެ ބިން ރަށުގެ ރައްޔިތުން އެކިއެކި ބޭނުންތަކަށް ބޭނުންކުރަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ ސަރުކާާރުން ބޮޑު އިސްކަމެއް ދީގެން އެ ބިން ބޭނުންކުރެވޭ ގޮތަށް ފެނާއި ކަރަންޓު ހަމަޖައްސައިދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްވެސް އަވަހަށް ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިންނަވަރުގައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކެމްޕަހަކާއި ދާނަލެއް ހެދުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. މިއަދުވަނީ އެކަމުގެ އެއްބަސްވުނުގައި ސޮއިކޮށްފައި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިންނަވަރުގައި އޭޓީއެމްގެ ހިދުމަތް ފެށިތާ ފަސް އަހަރުވެފައިވާ އިރު، ބޭންކިން ހިދުމަތް އެއަށްވުރެ ތަރައްގީވެފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. 5،000 މީހުންގެ އާބާދީއަކަށް އެއީ ފުދޭނެ މިންވަރެއް ނޫން ކަމަށާއި އެހެންވެ ހިންނަވަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ގާއިމުކުރަން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ މާޗު މަހުގެ ނިޔަަލަށް އެ ބްރާންޗުގެ މަސައްކަތް ނިމި، ހިންނަވަރު ރައްޔިތުންނަށް ހިދުމަތް ހޯދެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ މަގުތައް ތަރައްގީކުރުން މިހާރު ވަނީ ތާރު އެޅުމާ ހިސާބަށް ގޮސްފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ބޭނުންވާ މެޝިނަރީސް ގަތުމަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝިނަރީސްތައް ލިބުމާއެކު ރަށްރަށުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެގޮތުން މިއަންނަ އަހަރުގެ ކުރީކޮޅުގައި އެއްފަހަރާ ގިނަ ރަށްރަށެއްގައި ތާރު އެޅުމުގެ ގާބިލުކަން އާރްޑީސީއަށް ލިބިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބަނދަރުގެ ބޭނުން ވީހާވެސް ފުޅާކޮށް ހިފޭނެ ގޮތްތަކެއް ހަދައިދިނުމަށް ރަށުގެ ރައްޔިތުން އެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކަމަށާއި ބަނދަރުގެ ބޭރުތޮށި އުސްކޮށްދީ، އެތަނުގައ އޮޑިދޯނިފަހަރު އެޅޭނެގޮތަށް ޑިޒައިން ބަދަލުކުރަން އެމްޓީސީސީއަށް އަންގާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުނި މޭންޖްކުރުމް ހިދުމަތް ހިންނަވަރުގައި މިހާރު ގާއިމުވެފައި އޮތް ނަމަވެސް އެންމެ ރަނގަޅު ގޮތުގައި އެފަދަ ކަމެއް ކުރެވޭނީ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަމަށްވުމުން، އެ ހިދުމަތް ކުރިއަށް ގެންދިޔުމަށް ވެމްކޯއާ ހަވާލުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ވެމްކޯގެ އޮޕަރޭޝަން ހިންނަވަރުގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން 1،200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދައިދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިންނަވަރަށް އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދާނެ ކަމަށެވެ. ހިންނަވަރުގެ ތަރައްގީއަށް މިއަދު އެއްލަނީ އާ ސަފުހާއެއްކަމަށް ރައީސް ވިދާޅުވިއެވެ. ހިންނަވަރުގެ ތަރައްގީ މަޑު ދުވެލީގައި ގެނައި ގެނައުން ނިމުމަކަށް ގެނެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.