ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހަށް މިއަންނަ އަހަރު ހުށަހަޅާ ބަޖެޓު ވެގެންދާނީ ބާކީ ހުރި ވައުދުތައް ފުއްދިގެންދާނެ ބަޖެޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ކ އަދި ޅ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވަނީވެސް ދެ އަހަރަށް ބަހާލައިގެން، މި އަހަރާއި މިއަންނަ އަހަރަށް ބަހާލައިގެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ.
"އަޅުގަނޑު ވެފަ ހުރި ވައުދުތަކުގެ ތެރެއިން މިއަހަރު އަމަލީ ގޮތުން ސޮއިކުރެވި މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއަކަށް މިއަންނަ އަހަރުގެ ބަޖެޓުން ޖާގަ އަޅުގަނޑުމެން ހަމަޖައްސައި ހުށަހަޅާނީ، އެހެންވީމާ މިއަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ވެގެންދާނީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން ދެން ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަަކަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ އެހެން ކަންކަންވެސް މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން، ރަށު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެންދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ލިބޭ ފައިސާ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށް ހަރަދުކުރުން ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިގޮތަށް ބަލާއިރުގަ މި އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެ ރަށެއްގައި ހުންނަ، އިޖުތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ވަލްނަރަބަލް ނޫނިއްޔާ އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަމުގައިވިޔަސް، އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވިޔަސް، އިމަޖެންސީކޮށް ދިމާވާ ކަންކަމުގައިވިޔަސް، މިހެން ހުންނަ އެހީތެރިކަން ބޭނުންވާ ދިމަދިމާލަށް، އެހީތެރިކަން ދެވޭގޮތަށް ކައުންސިލްގެ ބަޖެޓަށް މި އިތުރުކުރާ ފައިސާ ބޭނުންކުރުން ލާޒިމުވާ ގޮތަށް އަޅުގަނޑުމެން ކައުންސިލްތަކަށް މި ބަޖެޓު، އިތުރުވާ ބަޖެޓް މި ހަމަޖައްސަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތަކަށް ދޭ ފައިސާ އެ ނޫން އެއްވެސް ބޭނުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
"ކައުންސިލްތަކުގެ މެންޑޭޓުގެ ގާނޫނުގަ އޮންނާނެ ވަރަށް ބައިވަރު ކަންކަން. އޭގެ ތެރޭގައި އޮންނާނެ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ކަންކަންކޮށްދިނުން. އެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުން އޮންނާނެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެ ޒިންމާ އަދާކުރުމަށް ބޭނުންވާ ފައިސާ މިދެނީ" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު