ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކޮރަޕްޝަންގެ ހާލަތަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ދާން ޖެހުނީ އެ ކުންފުނީގެ ބޯޑާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮވެގެން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީހުގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެސިސްޓެންޓް އޮޑިޓަ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފެނަކައިގެ ބޯޑުގެ ޒިންމާތައް އަދާކޮށްފައި ނުވާ ކަމަށެވެ. ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ޑައިރެކްޝަން ކަނޑައަޅާނީ ބޯޑުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނީގެ ހާލަތު ބަލައި، ރަނގަޅު މިސްރާބަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑުކަން ފާހަގަކޮށް އިންހައުސް ޕްރޮޖެކްޓްތައް ހިންގުމަށް ގެންގުޅުނު އުސޫލުތަކާ ގުޅޭ ގޮތުންވެސް ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އައިމަން ވިދާޅުވީ، ފެނަކަ މައްސަލައިގައި ޕީސީބީގެ ޒިންމާ ވެސް ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ހިސާބުތައް ނުބެލި، ކުންފުނި ހަރުދަނާ ކުރުމުގައި އެ އިދާރާގެ އިހުމާލު ވަރަށް ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.
ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނީގެ ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީން ދިޔައީ ބުނާ ވަރަކަށް ފެނަކައަށް ފައިސާ ދެމުން ކަމަށް ވިދާޅުވިއެވެ.
އެހާ ފަސޭހައިން ލުއި ގޮތަކަށް ދައުލަތުގެ ފައިސާ ދޫކުރުމަކީ ފިނޭންސް މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ފެނަކައިގެ ހާލަތު އެ ހިސާބަށް ދިޔައީ ޒިންމާ ނަގާ ންޖެހޭ ހުރިހާ އިދާރާތައް ފެއިލިވުމުން ކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން