މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް)އާ ގުޅިގެން ކުރިއަށް ގެންދިޔަ މޮޑަން ޕޯޓް މެނޭޖްމަންޓް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި އެ ކޯހަކީ އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން ޕޯޓް މެނޭޖްމަންޓް ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ކޯހެއް ކަމަށެވެ.

ޖުމްލަ 19 ބައިވެރިންނާއެކު މި ކޯސް ނިންމާލާފައިވާއިރު، އެ ކޯސް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޕީއެލުން ކުރިއަށްގެންދިޔަ މޮޑާން ޕޯޓް މެނޭޖުމަންޓް ކޯހުގެ ތެރެއިން-- ފޮޓޯ: އެމްޕީއެލް

އެއް އަހަރާއި ތިން މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ކޯހުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)، ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް)، އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސްސީ) ގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ބައިވެރިންނަށް ތަމްރީނު ދީފައިވަނީ އަންކްޓަޑްގެ ތަޖުރިބާކާރުންނެވެ. ޖުމްލަ ތިން ސައިކަލްއަކަށް ބެހިގެން ކުރިއަށް ގެންދެވުނު މި ކޯހުގައި ބައިވެރިންނަށް އަށް މޮޑިއުލްއެއް ކިޔަވައިދެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރުގެ ދާއިރާ، ބަނދަރުގެ އޮނިގަނޑާއި މަސައްކަތްތައް، ދެމެހެއްޓެނިވި ބަނދަރަކަށް ކުރިމަތިވާ ގޮންޖެހުންތައް، ޒަމާނީ ބަނދަރު މެނޭޖްމަންޓްގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރުން، ވިޔަފާރިއާއި އިގްތިސޯދީ މެނޭޖްމަންޓުގެ ދާއިރާ އިތުރުން، ބަނދަރުތަކުގެ އިދާރީ އަދި ގާނޫނީ މެނޭޖްމަންޓުގެ ދާއިރާތަކާ ގުޅޭ މުހިންމު ބައިތަކެވެ.

އެމްޕީއެލްއިން އަންކްޓަޑްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ކުރިއަށް ގެންދެވުނު ކޯހެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ކުރިއަށްގެންދިޔަ މޮޑާން ޕޯޓް މެނޭޖުމަންޓް ކޯހުގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި މިފަދަ ތަމްރީންތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ބައިނަލްއަގުވާމީ ފެންވަރަށް ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ވިޔަފާރީގެ ދާއިރާއަށް އަންނަ ކުރިއެރުމާ އެއްގޮތަށް، ރާއްޖޭގެ ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރުގެ ޒަމާނީ ޕޯޓް މެނޭޖްމަންޓަށް ބޭނުންވާ އުކުޅުތައް ދަނެ ދަސްކުރުމަކީ މުހިންމު ކަމެއްކަމުގައި އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ރާއްޖޭގެ ބަނދަރުތަކުގެ ހަރުދަނާކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސޯދީ ދުވެލި ތަރައްގީކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ގާބިލު ޒުވާނުން ތައްޔާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމުގައިވެސް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.

އެމްޕީއެލްއިން އިތުރަށް ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މައި ބަނދަރުގެ އިތުރުން، ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ފެންވަރު ރަނގަޅުވެ، ބަނދަރުތަކުގެ ކަންކަން ހިންގުމުގައި އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށެވެ.