ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ރަސްމީކޮށް ފެށުމަށް މިރޭ ބާއްވާ ހާއްސަ އިވެންޓްގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުންގެ ގޮތުގައި ބީޗް ވޮލީ ކުޅުންތެރިޔާ އައިޝަތު ދީމާ ނަދީމާއި ހޭންޑް ބޯޅަ ޓީމުގެ ކެޕްޓަން ލަހުފާން ޝަހީމް ހަމަޖައްސައިފިއެވެ.
ޔޫތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދާ ހާއްސަ މާޗްގައި ރާއްޖޭގެ ދިދަ އުފުލާލާނެ ފްލެގް ބެއަރާސްއާ މިއަދު ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. ދެ އެތުލީޓުންނާވެސް މިނިސްޓަރު ދިދަ ހަވާލުކޮށްދެއްވީ ޓީމް ހޮޓެލްގައި ބޭއްވި ހާއްސަ އިވެންޓްތަކެއްގައެވެ.
ފްލެގް ބެއަރާސްއާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެއް ކަމަށާއި، އެކަމަށް ދެ އެތުލީޓުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އޭގެ އިތުރުން އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެ ތަމްސީލުކުރުމުގައި އަބަދުވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށެވެ.
އެއާއެކު މިނިސްޓަރު ވިދާޅުވީ ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުސަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމަށެވެ. އަދި ރާއްޖޭގެ ބެޖު މޭމަތީގައި ޖަހައިދިން ކުޅޭ ކުޅުމުގައި ގައުމު ފަހުރުވެރިވާނެ މަސައްކަތެއް އަބަދުވެސް ކޮށްދެއްވުމަށް އެތުލީޓުނަށް ހަނދާން ކޮށްދެއްވާފައިވެއެވެ.
ފްލެގް ބެއަރާސްއަށް ދިދަ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އަދި އޭޝިއަން ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން މުރުޝިދާ އަބްދުލް މަންނާން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަދުގެ އިވެންޓްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް އަބްދުއްސައްތާރު ވިދާޅުވީ އެތުލީޓުންނާ ގާތަށް މިނިސްޓަރު ވަޑައިގެންދެއްވުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށާއި، ގޭމްސްގައި މިހާތަނަށް އެތުލީޓުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިރޭ އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ، މާޗްގައިވެސް ފެނިގެންދާނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ފެށިގެންދާނީ ރާއްޖެ ގަޑިން 8:00 ގައެވެ.
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް