ލ. އިސްދޫގައި ހެރިޓޭޖް ޓޫރިޒަމް ކުރިއަރުވަން ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންގެ އިތުރުން އެ އަތޮޅު ކަލައިދޫގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްދޫއަކީ ރާއްޖޭގެ ތާރީހާ ގުޅިފައިވާ މުހިންމު ރަށެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެން ގައުމިއްޔަތު ދިރުވައި އާލާކުރަން. ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ތެރޭގައި ރާއްޖޭގެ ތާރީހު ދިރުވައި އަލައިކުރުން ނޫނީ ތާރީހީ ކަންކަން އޮޅުންފިލުވައި ނޫނިއްޔާ ކަންކަން އިތުރަށް ޒުވާނުންނަށް ކުޑަކުދިންނަށް އަދި ރާއްޖެއަށް ވިޒިޓްކުރާ ފަތުރުވެރިން، މިހެންގޮސް ހުރިހާ ފަރާތްތަކަށް އެނގޭނެފަދަ ގޮތްގޮތަށް، އަންނަން އޮތް ޒަމާންތަކަށް ރައްކާތެރިކޮށް ތަރައްގީކޮށް ދެމެހެއްޓުން، ބެލެހެއްޓުން، އެ ނިޒާމު ގެނައުން އެއީ އަޅުގަނޑުމެންގެ ސިޔާސަތުގައި އޮތްކަމެއް ގައުމިއްޔަތު ދިރުވައި އާލާކުރާއިރު" ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ތާރީހާއި ސަގާފަތާ ދިރުވައި އާލާކުރުމުގައި މި ރަށަށް ސަމާލުކަންދޭން ޖެހޭ"

ރައީސް ވިދާޅުވީ ތާރީހީ އަދި ސަގާފީ ކަންކަން ބެލުމަށާއި ދެނެގަތުމަށް ވަރަށް ގިނަ މީހުން ދަތުރުކުރާ ކަމަށެވެ. ރާއްޖޭގެ އެފަދަ ކަންކަންވެސް ބަލައި ދެނެގަތުމުގެ ޝައުގު ފަތުރުވެރިން ހުންނާނެ ކަމަށާއި އެހެންކަމުން އެ ދާއިރާއަށް އިންވެސްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ އިންވެސްޓް ކުރަންޖެހެނީ އިސްދުއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގަ އަޅުގަނޑުމެން ވީހާވެސް އިސްކަމެއް ދީގެން މި ދެންނެވި ނަޒަރިއްޔާތުން މި ރަށުގައި ހުރި ތާރީހީ ކަންކަން ރަނގަޅުކޮށްދީ އަދި ދިވެހިވަންތައްކަން، ދިވެހި، ދިވެހިންގެ ސަގާފަތާއި އާދަކާދަ ކުޑަކުދިންނާއި، ޒުވާނުންނާއި، ކިޔަވާކުދިންނާއި، ފަތުރުވެރިންނާ ހުރިހާ ފަރާތްތަކަށް ފެންނާނެ ފަދަ ގޮތަކަށް މިތަނުގެ ގާއިމުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަން އަޅުގަނޑުމެން ގަސްދުކޮށްފައިވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރާނީ އިސްދޫއާއި ކަލައިދޫގެ ކައުންސިލާ ގުޅިގެން އެފަދަ ކަމެއް ކުރުމުން ރަށުގެ އާމްދަނީވެސް އިތުރުވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެއީ ލ. އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ މަޝްރޫއު ކަމަށާއި ލ. އަތޮޅު ދަތުރު ފެށުނީއްސުރެ އެ މަޝްރޫއުގެ ވަހަކަ އަތޮޅުގެ ރަށްރަށުގެ ރައްޔިތުން އެ މަނިކުފާނާ ދައްކަވަމުންދާ ކަމަށެވެ. ތިން ރަށަކުން އެއާޕޯޓު ހެދުމަށް ވަރަށް ބޮޑު އެދުނު ކަމަށާއި ނަމަވެސް އަތޮޅުގެ ކޮންމެ ރަށަކުންވެސް އެ މަޝްރޫއު އެ ރަށެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ދެމެހެއްޓެނެވި ގޮތަކަށް އެއާޕޯޓު ހެދުން ކަމަށާއި އެގޮތުން އެއާޕޯޓު ހެދުމުގެ ސަބަބުން އެކަމުގެ ނަފާ އެންމެ ރަނގަޅު ގޮތަކަށް ލިބޭނެ ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންދާނެ ރަށެއް ނިންމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިރަށުގެ މިހެން ބަލާއިރުގައި އަނެއް ދެ ރަށުން އެދިވަޑައިގެންނެވާ ކަންކަމުގަ ހުރި ކަންކަންވެސް ހަމަ ރަނގަޅު. މި ރަށުގައި ތަފާތުކަމެއް އަޅުގަނޑު ހަމަ ދަންނަވާނަން. އެއާޕޯޓެއް އަޅާއިރުގައި އާންމުކޮށް ރަށްރަށުގަ އެއާޕޯޓް އަޅަން މިޖެހެނީ ބިން ހިއްކައިގެން ވަރަށް ބޮޑު ހަރަދެއް ކޮށްގެން. އަޅުގަނޑު ހިތުން މިއީ އިސްދޫ، ކަލައިދޫގައި މި ރަށުގައި އެއާޕޯޓެއް އަޅާއިރުގައި މި ހަރަދު ކުރާކަށް ނުޖެހޭނެ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ އަޅުގަނޑު ހިތުން އޮތް ވަރަށް މުހިންމު ފާހަގަކޮށްލަންޖެހޭ ނުކުތާއެއް،" ރައީސް ވިދާޅުވިއެެވެ.

ނަމަވެސް މި ދަތުރުގެ ތެރެއިން އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދާނެ ރަށެއް ނުނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓު ހަދާނެ ރަށެއް ނިންމާނީ އަތޮޅުގެ ހުރިހާ ރަށަކަށް ފައިދާވާނެ ގޮތަކަށްކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓެއް ހަދާއިރު އެކަމުގެ އިންވެސްޓުމެންޓް އަނބުރާ ލިބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި އެހެންކަމުން އެއާޕޯޓުން އިގުތިސޯދަށް ލިބިގެންދާނެ މަންފާއާ މެދު ވިސްނަން ޖެހޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި އެ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.