ކުރިއަށްއޮތް ދިހަ ދުވަސްތެރޭ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އޭގެ ސަބަބުން ވެސް އެތައް އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީމާ އެތައް އާންމު ރައްޔިތުންނަކަށް، އެތައް އާއިލާތަކަކަށް އޭގެ ސަބަބުން މުއްސަނދިކަމާއި ތަނަވަސްކަން ލިބިގެންދާނެ ކަމަށާއި އިގުތިސާދު ފުޅާވެ ކުރިއަރައިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސް ތެރޭގައި ޕްރައިވެޓް އެތައް ކުންފުންޏަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ޕްރައިވެޓް އެތައް ކުންފުންޏަކާ ސަރުކާރުގެ އެތައް މަޝްރޫއެއް ގާނޫނާއި ގަވާއިދުގެ ތެރެއިން ހަވާލުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވީހާވެސް މައްޗަކަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމަށާއި މީގެ ކުރީގެ ސިޔާސަތުތައް އޮތް ގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ދުވަސް ދުވަސްތެރޭ އެކިއެކި ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް އަދި ބައެއް ބޮޑެތި ކުންފުނިތަކަށް އެކި ކަހަލަ ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މިދިޔަ ސަރުކާރުން ބިލުތަކަށް ނުދައްކާ ހުރި އެކިއެކި ފަރާތްތަކަށް 2.3 ބިލިއަން ރުފިޔާ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.