ތެލަސީމިއާ ކުދިންނަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަލަށް ފަށާ އެ އެލަވަންސް، ތެލަސީމިއާ ކުދިންނަށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންނެވިގޮތަށް ތަލަސީމިއާ ކުދިންނަށް ވެސް އެލަވަންސެއް ދޭން ފައްޓަވާނެ ކަމަށެވެ.
"އަޅުގަނޑު ވައުދުވީ އެހެން އެލަވަންސެއް ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސް، 1000 ރުފިޔާ ކޮންމެ ކުއްޖަކަށް ދިނުން ވެސް މި އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ އިނާޔަތް 12،000 ރުފިޔާއާ ހަމައަށް ބޮޑުކޮށް ކޮންމެ ދަރިއަކަށް ދޭ މިންވަރު 3،000 ރުފިޔާއަށް އިތުރުކުރުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދުފުޅާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެ އެލަވަންސް ބޮޑުކުރުމަށް ވެސް ހިމަނާނެ ކަމަށެވެ.
"އެ ވައުދު ފުއްދުން ވެސް މި އަންނަ އަހަރު ބަޖެޓުގައި ހިމަނާ ގޮތަށް މިހާރު ނިންމާފައި އޮތީ. އެހެންވީމާ މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިއުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް އެކަނިވެރިމައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް ތިން ހާސް ރުފިޔާއަށް ބޮޑުވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެލަވަންސް ލިބެންޖެހޭ 5878 މީހުން މިހާރު އެބަތިބި ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ސިންގަލް ޕޭރަންޓް އެލަވަންސަށް 211 މިލިއަން ރުފިޔާ އަދި އަލަށް ފަށާ ތެލަސީމިއާ އެލަވަންސަށް ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު