ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗްވޮލީ އިވެންޓްގައި ރާއްޖޭގެ ފިރިހެން ޕެއާއިން ކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިން ރަނގަޅު ކުޅުމެއް ދައްކައިފިއެވެ.

ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާއަކީ ޝަރަފް އަބްދުﷲ އަލީއާއި މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދުގެ ޕެއާއެވެ. އިއްޔެ ގަތަރާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ރާއްޖޭގެ ޕެއާއިން ދައްކާފައިވާ އިރު، ލަންކާގެ ސަލްޕަޑޮރޫގެ ޑިޑޫލާ މަހީނާއާއި މިޑިގަސްޕާގޭ ޑޯން ކޫސަލް ޑުލްމީނާގެ ޕެއާއިން މިއަދު ރާއްޖެ މައްޗަށް ކުރި ހޯދީވެސް 2-1 ސެޓުންނެވެ.

ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނަގައިގެން ގިނަ ވަގުތު ލީޑުގައި އޮތް ނަމަވެސް، އެ ސެޓު ގެއްލުނީ 21-15 އިންނެވެ. ދެވަނަ ސެޓަށް ރާއްޖޭގެ ޕެއާއިން ކުޅުން ރަނގަޅުކޮށް، ގާތްގަނޑަކަށް ސެޓު އެއްކޮށް ދިޔައީ ލީޑު ކުރަމުންނެވެ. އިކްރާމާއި ޝަރަފްގެ ޕެއާއިން ޔަގީންކަމާއެކު ކުޅެ އެ ސެޓު ގެންދިޔައީ 21-12 އިންނެވެ.

ޓައި ބްރޭކް ސެޓުގެ ފަހުކޮޅަށް ދަންދެންވެސް ރާއްޖޭގެ ޕެއާއިން ދިޔައީ ވަރުގަދައަށް ވާދަކުރަމުންނެވެ. އެ ސެޓު ފަހުކޮޅުގައި ގެއްލުނީ 15-7 އިންނެވެ. ސެޓުގައި ރާއްޖޭގެ ޕެއާއިން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ.

ބީޗްވޮލީ ފިރިހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 11:00 ގައެވެ. އިންޑޮނޭޝިއާއަކީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓީމަކީ ދެވަނައަކަށް ސީޑް ކޮށްފައިވާ ޓީމެވެ. އެއްވަނައަށް ސީޑް ކޮށްފައިވާ ޓީމަކީ ތައިލެންޑެވެ.