މިއަހަރުގެ ތެރޭގައި 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނބިދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދަނބިދޫގެ ސިއްހީ މަރުކަޒަށް ވަރަށް އަވަހަށް ސީ އެމްބިއުލާންސެއް ހަމަޖައްސައިދޭނެ ކަމަށެވެ.
"މިއަހަރުގެ ނިމުމުގެ ކުރީގަ އަޅުގަނޑުމެން އެބަ ގެންނަން ގާތްގަނޑަކަށް 60 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް. އަޅުގަނޑު ހަނދާން ވަނީ 63 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް އެބަގެނެވޭ. މި އެމްބިއުލާންސްތައް އަޅުގަނޑުމެން މި ފޮނުވަނީ މިފަދަ ރަށްރަށަށް. އެމްބިއުލާންސް ހަލާކުވެފަ ނޫނިއްޔާ އެކިކަހަލަ މައްސަލަތައް ދިމާވެފައިވާ ރަށްތަކަށް،" ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ދާއިރާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ އެންމެ މަތީގައި ހިމެނޭ ދާއިރާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އެހެންވެ ސިއްހީ ދާއިރާ ވަރުގަދަކުރަން ވަރަށް ބޮޑަށް އިންވެސްޓުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާބައިދޫގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މޫސުން ގޯސްވުމުގެ ސަބަބުން ނުބޭއްވުނު ނަމަވެސް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދަނބިދޫގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ވޯޑުގެ ޖާގަ އިތުރުކުރެވި، ނާސިން ސްޓޭޝަން އަދި ލެބޯޓަރީ ފަދަ ތަންތަނަށް ބޭނުންވާ ޖާގަ އިތުރުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގައި ލެބޯރެޓަރީގެ ހިދުމަތް ދިނުމަށްވެސް މިހާރު ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ދަނބިދޫގައި ފުލުހުންގެ މަރުކަޒެއް ހެދުމުގެ މަސައްކަތްވެސް މިހާރު ފަށައިފައިވާ ކަމަށާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މިހާރު ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ސޮއިކުރި ދަނބިދޫގެ މަގު ހެދުމުގެ މަޝްރޫއަކީ ރަށުގެ ރައްޔިތުންނަށް މުހިންމު މަޝްރޫއެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަން ބަލާ އިރު، ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ބޮޑު މައްސަލަ ހައްލުކުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މާބައިދޫގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ނަރުދަމާގެ މައްސަލައާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކައް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަކީ މުހިންމުކަމެއްކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ތަފުސީލީ ދިރާސާއެއް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން މި ދަތުރަށްފަހު ފަށާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް އެ މަސައްކަތައް ހަރުދުވާނެ އަދަދު ކަނޑައަޅައި އެކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްފަހު މަގުތައް ހެދުމުގެ މަސައްކަތް ފަށައިގަންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދަނބިދޫގައި 500 މީހުން ޖާގައިގެ މިސްކިތެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މިސްކިތް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދަނބިދޫގައި ވޮލީ ކޯޓެއް ހެދުމަށް ކުރަމުންދާ މަސައްކަތައް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ހޭންޑްބޯލް ކޯޓް ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި ހޭންޑްބޯލް ކޯޓު ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލުގެ މަލްޓިޕާޕޯސް ހޯލު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު މަސައްކަތް ފެށިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދަނބިދޫއަކީ ލަފާފުރުމުގައި ދަތިތަކެއް ހުރި ރަށެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ބަނދަރުގެ ނެރު ފުންކުރުމާއި ބަނދަރުގެ މަސައްކަތައް މި ދަތުރަށްފަހު ކަމާބެހޭ މިނިސްޓްރީން ސާވޭއަށް ޓީމެއް ފޮނުވާނެ ކަމަށެވެ. އެ ސާވޭގެ ތެރެއިން އެ މަސައްކަތައް ހިނގާނެ ހަރަދުވެސް ދެނެގަންނާނެ ކަމަށެވެ.
އެ މަޝްރޫއުތަކުގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެމުންދާނެކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާދަމާ އިސްދޫ ކަލައިދޫ ކޮޅުން ކޯޒްވޭއަކުން ދަނބިދޫއާ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯޒްވޭ ގުޅުވާލުމުން އިގުތިސޯދީ ގޮތުން ރަށަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ރައްޔިތުންގެ ގާތަށް އައިސް އެެފަދަ ކަންކަމުގައި މަޝްވަރާކުރުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަވެސް ވަރަށް ބޮޑަށް އޮޅުން ފިލައިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނޫނިއްޔާ ވަރަށް ގިނަ ދުވަސް ވެގެން އެބަދޭ ސިޓީ ފޮނުވުން، މީޓިންތަކަށް މާލެއަށް ޓީމު ގެންދިއުން މިފަދަ ކަންކަން ކުރަން. އެއީ ކުރީޒަމާނުގަ ކަންކުރި ގޮތް. އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން އެއީ" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު