ލ. މާމެންދޫގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ތަރައްގީ ގެނެސްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާމެންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު މާމެންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"މާމެންދޫ ރައްޔިތުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ ކޮންމެ ދާއިރާއަކުންވެސް ރަށަށް ތަރައްގީ ގެނެސްދިނުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްދޭނަމޭ. ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދިނުމާއި އޭގެ އިތުރަށްވެސް ބޭނުންވާ ކަންކަން ކޮށްދިނުމުގަ. އިރާދަކުރެއްވިއްޔާ މިކަންކަމުގެ ނަތީޖާ ރައްޔިތުން އެދޭގޮތަށް ފެނިގެންދާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާމެންދޫން 21 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މާމެންދޫ ބިން މިހާރު ފުރިފައިވާކަމަށާއި ރަށަށް ބޭނުންވާ ތަރައްގީގެ އެހެން ކަންކަން ކުރިއަށް ގެންދެވެން ހުރީ ބިމުގެ ޖާގަ އިތުރުކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ މާމެންދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ރަށަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ހުޅުމެންދޫގައި ތަރައްގީކުރަން ނިންމާފައިވާ ފަސް ތަރީގެ ރިސޯޓާއި ހަމަ އެ ރަށުގައި ތަރައްގީކުރާ ހޮޓެލް ސްކޫލުގެ ސަބަބުން ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކުރީ އެ ކުންފުންޏަކީ މިހާރުވެސް މ. އަތޮޅުގައި ރަނގަޅު ފެންވަރުގެ ރިސޯޓެއް ހިންގަމުން އަންނަ ކުންފުންޏަކަށްވުމުން ކަމަށެވެ. އެމްއޭސީއެލްއަކީ ޓޫރިޒަމް ދާއިރާއާ ގުޅޭ އެހެން ބައެއް ކަންކަންވެސް ކުރަމުން އަންނަ ކުންފުންޏެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ހެދުން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ އަހަރުގެ ތެރޭގައި ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ކަރަންޓު ކޭބަލް ނެޓްވޯކުގެ މަސައްކަތް ހައްލުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެެވެ.
ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް، ވެމްކޯއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ރަށުގެ ފުޓްސަލް ދަނޑާއި ހޭންޑްބޯލް ދަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭތޯ ބަލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު