ބޮލީވުޑްގެ ފަންނާނު އަސްރާނީ، އިއްޔެ މަރުވެއްޖެއެވެ. އުމުރުން 84 އަހަރުގައި އަސްރާނީ މަރުވިއިރު، އޭނާ ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބޮލީވުޑްގައި ހިދުމަތްކޮށްފައެވެ.

ޝޯލޭގެ މަޝްހޫރު ޖެއިލަރު

އަސްރާނީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 1975 ވަނަ އަހަރު ނެރުނު "ޝޯލޭ" ގައި ކުޅުނު "އިނގެރެސީންގެ ޒަމާނުގެ ޖެއިލަރު" ގެ ރޯލުންނެވެ. އެ ރޯލަކީ މިއަދާ ހަމައަށްވެސް ބެލުންތެރިންގެ ހިނިތުންވުން ގެނުވައިދޭ މަޝްހޫރު ކެރެކްޓަރެކެވެ. ފިލްމު ލިޔުންތެރިން ކަމަށްވާ ސަލީމް ޚާން އަދި ޖާވީދު އަޚްތަރު ވަނީ މި ކެރެކްޓަރ ޑިޒައިންކުރުމުގައި ޗާލީ ޗެޕްލިންގެ "ދަ ގްރޭޓް ޑިކްޓޭޓަރ" އިން ހިތްވަރު ލިބިފައިވާކަމަށް ބުނެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަމްރާވަތީގައި ބޭއްވި ސިޔާސީ ރެލީއެއްގައި ފަންނާނު ސޯނޫ ސޫދާއެކު އަސްރާނީ ސްޓޭޖަށް އަރާފައިވަނީ ޝޯލޭގެ ޖެއިލަރުގެ ގޮތުގައެވެ. މިކަމާ ބެހޭގޮތުން ސޫދު ބުނީ، "އުމުރުން 80 އަހަރުވެފައިވާ ތަރިޔަކަށް މިފަދަ ހަކަތައެއް ދެއްކޭނެ ކަމަށް ހީނުކުރެވޭ ކަމަށާއި އޭނާ ވަނީ އެތަނަށް އެއްވެފައިވާ އެންމެން ހެއްވާލައިފައި ކަމަށެވެ.

ފަންނީ ހަޔާތާއި ތައުލީމު

ޖައިޕޫރުގެ މެދުފަންތީގެ އާއިލާއަކަށް 1 ޖެނުއަރީ 1941 ގައި އުފަންވި އާސްރާނީގެ ފުރިހަމަ ނަމަކީ ގޯވަރްދަން އަސްރާނީ އެވެ. އޭނާގެ ފަންނީ ހަޔާތް ފަށާފައިވަނީ 1959 ވަނަ އަހަރު ފިލްމު "އުޖާލާ"ގެ "އަބް ކަހާން ޖާޔޭން ހަމް" ކިޔާ ލަވައަކުން، ޖޫނިއަރ އާޓިސްޓެއްގެ ގޮތުގައެވެ. ޔުނިވަސިޓީ ރާޖަސްތާން ކޮލެޖް، ޖައިޕޫރުން ކިޔަވާ ނިމުމަށްފަހު، އޭނާވަނީ އޯލް އިންޑިއާ ރޭޑިއޯގެ ވޮއިސް އާޓިސްޓެއްގެ ގޮތުގައިވެސް ހިދުމަތްކޮށްފައެވެ. ފޫނޭގެ އެފްޓީއައިއައި (FTII) ގައި އެކްޓިން ޓިއުޓަރެއްގެ ގޮތުގައިވެސް ހިދުމަތްކޮށްފައިވާ އަސްރާނީ، ޖަޔާ ބަޗަން ފަދަ ސީނިއަރ އެތައް ފަންނާނުންނަކަށް ކިޔަވައިދީފައިވެއެވެ.

350 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވެފައިވާ އަސްރާނީއަށް އޭނާގެ ގިނަ ދަރިވަރުން ނިސްބަތްކުރަނީ "އަސްރާނީ ސަރ" ގެ ނަމުންނެވެ.

ފަންނާނުންގެ ތައުރީފާއި ހިތާމަ

އަސްރާނީގެ މަރުގެ ހަބަރާއެކު، އޭގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަތަލަކީ މި ވަގުތު ލަންޑަނުގައި ހުރި، އަކްޝޭ ކުމާރު އެވެ. ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ އަކްޝޭގެ އަދި ނުނެރޭ ފިލްމެއް ކަމަށްވާ "ބޫތު ބަންގްލާ" ގެ ސެޓުން މައުލޫމާތުދީފައިވާ ގޮތުގައި، އަސްރާނީ އެ ފިލްމުގައި ދިގު ޑައިލޮގެއް ޓެލެ-ޕްރޮމްޕްޓަރެއް ނުލައި ކީއިރު، ސެޓްގައި ތިބި އަކްޝޭ އާއި، ޕަރޭޝް ރާވަލް އަދި ތާބޫ ފަދަ ފަންނާނުން ކޮޅަށް ތިބެ ނުހުއްޓި އަތްޖަހާފައިވެއެވެ.

ފަންނާނު ޖީތެންދްރާ، ސިފަކުރިގޮތުގައި، އަސްރާނީއަކީ "މުއައްސަސާއެއް" އެކެވެ. އަދި ގުލްޝަން ގްރޯވަރް ވެސް ވަނީ އަސްރާނީއަކީ ދެމިހުރި ޝަހުސިއްޔަތެއްކަމަށް ބުނެފައެވެ. ޕްރޮޑިއުސަރު ހަފީޒް ނަދިޔާޑްވާލާ ބުނި ގޮތުގައި އޭނާއަކީ ޕްރޮޑިއުސަރުންނަށް ވަރަށް ފަސޭހަ ފަންނާނެއް ކަމަށާއި ކުދި ބަޖެޓުގެ ފިލްމުތަކުގައި އޭނާ ވަރަށް އެހީތެރިވާކަމަށެވެ.

އަސްރާނީ ކައިވެނި ކޮށްފައިވަނީ ފަންނާނު މަންޖޫ ބަންސަލްއާ އެވެ. ރާޖޭޝް ކަންނާއާއެކު 1972 އިން 1991 އާ ދެމެދު 25 ފިލްމެއްގައި އޭނާ ހަރަކާތްތެރިވެފައިވެއެވެ. 1970 އިން 1979 އާ ދެމެދު އޭނާ ކުޅުނު "މެރޭ އަޕްނޭ، ކޯޝިޝް، ޕަރިޗޭ، އަބީމާން، މެހަބޫބާ އަދި ބަންދިޝް" ފަދަ ފިލްމުތަކަކީ ކާމިޔާބު މަސައްކަތްތަކެވެ. އޭނާގެ "ޗަލާ މުރާރީ ހީރޯ ބަންނޭ" ފިލްމަކީ ބޮކްސް އޮފީހުގައި ފެއިލިވި ފިލްމެއް ނަމަވެސް، ފާޑުކިޔުންތެރިންގެ ތައުރީފު ލިބުނު ފިލްމެކެވެ.