ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ލ. ހިތަދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް މިއަދު ހިތަދޫގައި ރަސްމީކޮށް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވެ.
އޭޓީއެމް ހިދުމަތުގެ އިތުރުން އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް މިއަދު ވަނީ ބާއްވައިފައެވެ.
ބީއެމްއެލުން ބުނިގޮތުގައި ހިތަދޫގެ އިތުރުން އިތުރުން މި ހަފުތާތެރޭގައި ބީއެމްއެލް އިން ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެ ކަމަށެވެ.
"ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އިސްކަން." ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސާވިސް ބޭންކިން ސެންޓަރު، 252 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ކުންފުނީގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް