އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގާއެކު ތިން ބޭފުޅަކަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުން:

  1. ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
  2. މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  3. ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
  4. އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  5. އިބްރާހިމް މުހައްމަދު، ގ. ވިންޑް
  6. މޫސާ ރިލްވާން، މ. ހާވިލާ
  7. މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  8. ޝެހެނާޒް އަދްނާން، ދރ. ރސ. 80580
  9. މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
  10. ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ

މި ބޭފުޅުންނާ އިއްޔެ ކޮމިޓީން އިންޓަވިއު ކުރިއިރު، މީގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.

ނަން އަނބުރާ ގެންދިޔައީ ޝަފީގާ ނައީމާއި ފާރިސް ތޯހާ އެވެ.

ދެން ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ކޮމިޓީން މާކްސް ދީފައިވާއިރު، އޭގެ ތެރެއިން 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބުނު ތިން ބޭފުޅުންނަކީ:

  • މުހައްމަދު ފަރުސަތު 90.50 ޕަސެންޓް
  • ސަފާ ޝަފީގު، 88.88 ޕަސެންޓް
  • އާމިނަތު ސަރާހަތު އިއްޒަތު 87.88 ޕަސެންޓް

މި ތިން ބޭފުޅުން މީޑިއާ ކޮމިޝަނަށް އައްޔަންކުރުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.

މި ކޮމިޝަނަށް މީޑިއާތަކުން ހޮވަން ޖެހޭ މެންބަރުން ވަނީ މިހާރު ހޮވައިފައެވެ.