މަޝްހޫރު ތަރި ކިމް ކާޑޭޝިއަން، ފަސްވަނަ އަހަރީ އެކަޑަމީ މިޔުޒިއަމް ގާލާގައި ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު އަދި ހިތްވަރުގަދަ ފެޝަނެއްގައި ރެޑް ކާޕެޓްގެ ޝަރަފުވެރިކަން އިތުރުކޮށްފިއެވެ. ކިމްގެ މި ފެޝަނުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދައި، އެކަމަށް ވާހަކަ ދެކެވިފައިވެއެވެ.

އެކަޑަމީ މިއުޒިއަމް އޮފް މޯޝަން ޕިކްޗާސްއަށް ކިމް ކާޑޭޝިއަން ދިޔައީ ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް "ނިއުޑް ބެއިޖް" ކުލައިގެ ހެދުމެއްގައެވެ. މި ހިތްގައިމު ހެދުމުން ދައްކުވައިދިނީ ރެޑް ކާޕެޓްގެ ދުނިޔޭގައި ކިމް ކާޑޭޝިއަންފަދަ މީހަކު ނުހުންނަ ކަމެވެ.

ކިމްގެ މި އާދަޔާހިލާފު ހެދުމަކީ، ގްލެން މާޓެންސް ޑިޒައިންކޮށްފައިވާ "މައިޒޮން މާޖިއޭލާގެ 2025 ވަނަ އަހަރުގެ ސްޕްރިންގް/ސަމަރ ކުޗޫ ކަލެކްޝަން" ގެ ހެދުމެކެވެ. ސްޓްރެޕްލެސް، އަދި ފަރުމާކުރެވިފައިވާ ބޮޑީސްއަކާއެކު މި ހެދުމުން ކިމްގެ ހަށިގަނޑުގެ ރީތިކަން ދައްކުވައިދެއެވެ. އުޅަނބޮށިން ފެށިގެން ބިމަށް ދޫކޮށްލާފައިވާ ހެދުމުގެ ދިގުއަތުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.

މި ހެދުމުގެ އެންމެ ހާއްސަ ކަމަކީ ހެދުމާ ގުޅޭ ފޮތިގަނޑަކުން ކިމްގެ ބޯ މުޅިން ނިވާކޮށްފައިވުމެވެ. މިކަމުގެ ސަބަބުން ހެދުމަށް ހާއްސަކަމެއް ގެނެސްދީފައިވެއެވެ. ހެދުމުގެ މިނިމަލިސްޓްކަމާ ތަފާތުކޮށް، އަގުބޮޑު ބޮޑު ހާރެއް އަޅައިގެން ހުރުމުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. މި ހާރުގައި ހުރީ ބޮޑެތި، ރިހިކުލައިގެ ކްރިސްޓަލްގެ މޯޓިފްތަކަކާއި، ކޮންމެ މޯޓިފްއެއްގެ މެދުގައި ފެހި އެމެރަލްޑްއެކެވެ.

ކިމްގެ ކޮންމެ ފެޝަނެއް ފަދައިން، މި ފެޝަނަށް ވެސް އިންޓަނެޓްގައި ގިނަ ބަޔެއްގެ ހިޔާލު ވަނީ ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި ގިނަ ސަޕޯޓަރުން ވަނީ މި ފެޝަނަށް ތައުރީފުކޮށް، "އޭނާ މިހާތަނަށް ފެނުނު އެންމެ ރީތިކޮށް" އަދި "ފެޝަންގެ އައިކޮނެއް" ކަމަށް ބުނެފައެވެ.