މިދިޔަ ސެޕްޓެމްބަރުމަހު ތެރޭގައި ވަގަށް ނަގާފައިވާ 109 ސައިކަލެއް ހޯދައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ 109 ސައިކަލުގެ އަގު 6،876،766 މިލިއަން ރުފިޔާއަށް އަރައެވެ. ފުލުހުން ބުނީ މިދިޔަ މަހު ވަގަށް ނަގަފާއިވާ 588،822.20 ރުފިޔާވެސް އަނބުރާ ހޯދާފައިވާ ކަމަށާއި އެއީ 20 މައްސަލައެއްގައި ހިމެނޭ ފައިސާކަމަށެވެ.

ވަގަށް ނަގާފައިވާ 13 ފޯނެއް ހޯދިއިރު އެ ފޯނުތަކުގެ އަގު 154،562 ރުފިޔާއަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެނިކަން ކަރަންޓު ސާމާނުގެ ތެރޭގައި ހިމެނޭ 8 އެއްޗެއް ހޯދިއިރު އެތަކެތީގެ އަގަކީ 32،300 ރުފިޔާކަމަށް ފުލުހުން ބުންޏެވެ. އިތުރު 20 މައްސަލައެއްގައި ފުލުހުން ވަނީ 43،115 ރުފިޔާ ހޯދައިފައި ކަމަށްވެސް ތަފާސްހިސާބުން ދައްކައެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ވައްކަމުގެ 71 މައްސަލައެއް، މާރާމާރީގެ 16 މައްސަލައެއް، ފޭރުމުގެ 12 މައްސަލައެއް އަދި އެކްސިޑެންޓުގެ 10 މައްސަލައެއް ހިމެނޭހެން ޖުމުލަ 109 މައްސަލައެއް ހިނގި ސަރަހައްދަށް ފުލުހުން ގޮސްފައިވާކަމަށް ތަފާސްހިސާބުގައި ފުލުހުން ބުންޏެވެ.

ސެޕްޓެމްބަރުމަހު ފުލުހުން ބެލި އިތުރު މައްސަލަތަކުގެ ތެރޭގައި 27،464 ތަނެއް ބަލައިފާސްކޮށްފައިވެއެެވެ. އެއީ 1029 ގަޑިއިރާއި 55 މިނިޓު ފުޓް ޕެޓްރޯލިން (ފައި މަގުގައި) ފުލުހުން މާލެތެރެ ޕެޓްރޯލް ކޮށްފައިވާނެ ކަމަށެވެ. އަދި 86 ވެހިކަލް ޗެކް ޕޮއިންޓު ގާއިމުކޮށް، ވެހިކަލް ޗެކްކުރުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާއިރު ޓްރެފިކް މެނޭޖުމެންޓް ޕޮއިންޓުތަކުގެ ގޮތުގައި ނުވަ ތަނެއްގައި ފުލުހުން މަސައްކަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން 5،264 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާނެ ކަމަށާއި އޭގެ ތެރެއިން 4،776 މީހުންނަކީ ކުށުގެ ރިކޯޑު އޮންނަ މީހުންކަމަށާއި 488 މީހުންނަކީ ކުށުގެ ރިކޯޑެއް ނެތް މީހުންކަމަށް ވެސް ފުލުހުން ބުންޏެވެ.