މިއަދުގެ ދިވެހީންނަށް ރާއްޖޭގެ ކަންކަން ކުރިން ހިގަމުންއައިގޮތް ކިޔައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ގައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ ދިގު މާޒީގައި ކަންކަން ފުރޮޅެމުން ބަދަލުވަމުންއައިސް މިހާރު މިދެކޭ ދުވަސްތަކާ ހަމައަށް އާދެވުނުގޮތް މޭރުންކޮށްގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ. މިފަހަރު ކިޔައިދޭނީ މީގެ 73 އަހަރު ކުރިން ފާސްކޮށް ތަސްދީގުކުރި ގާނޫނަކާއި އެގާނޫނު ވުޖޫދުކުރާން ޖެހުނު ސަބަބުގެ ވާހަކައެވެ. ދުވަސްވަރަކީ ދިވެހި ދައުލަތް ހިންގެވުމުގެ އެންމެއިސް ވެރިޔަކަށް ހުންނެވި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ސިލޯނުގެ ކޮޅުނބުގައި 21 ފެބްރުއަރީ 1952 ގައި އަވަހާރަވުމާއި 1 ޖެނުއަރީ 1953 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް އިއުލާންކުރުމާ ދެމެދުގެ ދުވަސްވަރެވެ. ދިވެހި ވެރިކަމުގެ ހުރިހައި ބާރުތައް އޮތީ އަތިރީގޭ މުހައްމަދު އަމީނުގެ އަތްޕުޅުގައެވެ. މިދެންނެވި ތާރީޚުގައި ޖުމްހޫރިއްޔަތެއް އިއުލާން ކުރުމަށްފަހު އެ ޖުމްހޫރިއްޔާގެ ރައީސަކީވެސް މުހައްމަދު އަމީނެވެ.

ދުވަސްވަރަކީ ބޮޑުހަގުރާމަ ނިމުނުތާ ހަތް އަހަރު ފަހެވެ. އޭރުވެސް ދިވެހީންނަށް ހަގުރާމައިގެ ސަބަބުން ކުރިމަތިވި ތަދުމަޑުކަމުން އަރައި ނުގަނެވެއެވެ. ކާޑު ލިބިގަތުމުގެ ބޭނުމުގައި، އަދިވެސް އެނޫން ބޭނުންތަކުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ގިނަގިނައިން މާލެއައިސް ވެރީންގެ ކައިރިއަށް ހާޒިރުވެ މަތިމައްޗަށް ކުރުނީސްކޮށް އާދޭސް ދަންނަވާން ޖެހެއެވެ. ޖުމްހޫރިއްޔަތެއް އިއުލާނު ކުރުމަށް ތައްޔާރުވަމުން ދިޔުމާއެކު ކަރުދާހުގެ ތަރައްގީ ގެނައުމަށްޓަކައި އަތޮޅުތެރޭގައި ބޮޑެތި ބޮޑެތި މަސައްކަތްތައް އޭރުއޮތީ ފެށިފައެވެ. އުޖޫރަ ދިނުމަކާ ނުލައި ބަނޑަށް ބައިތިއްބައިގެން ރައްޔިތުން ލައްވައި ބުރަ މަސައްކަތްތަކެއް ދިޔައީ ކުރުވަމުންނެވެ. މިދެންނެވި ދުވަސްވަރު ގާނޫނެއް ފާސްކޮށް ދައުލަތް ހިންގަވާން ހުންނެވި މުހައްމަދު އަމީނު 28 ޖޫން 1952 ގައި ތަސްދީގު ކުރެއްވިއެވެ. މައުލޫމާތަށްޓަކައި އެގާނޫނުގެ ދެލިގަޑު އަކުރުން އަކުރަށް މިގެންނަނީއެވެ.

"މިއީ ވަގުތީގޮތުން މާލޭގައި ވަޒަންވެރިވެތިބި ރާއްޖެތެރޭގެ ރައްޔިތުންކުރެ ބައެއް މީހުން އެބައިމީހުންގެ ރަށްރަށަށް އަބުރާ ފޮނުވައިލުމުގެ ގާނޫނެވެ. އެބައިމީހުންގެ ރަށްރަށުގައި ވަޒަން ބަހައްޓައިގެން އެވަޒަން ބަލަހައްޓަމުން ނުގެންދާ މާލޭގައި މިހާރު ވަޒަންވެރިވެގެން ތިބި ރާއްޖެތެރޭގެ މީހުންނާއި، އެބައިމީހުންގެ ވަޒަން މުޅިންދޫކޮށް މާލެއައިސް ވަޒަންވެރިވެތިބި ރާއްޖެތެރޭގެ މީހުންގެ ތެރެއިން، އެއަތޮޅެއްގެ އަތޮޅުވެރިއަކަށާއި ވަޒީރުއްދާޚިލިއްޔާއަށް ފެނުނު ބަޔަކު އަބުރާ އެބައެއްގެ ރަށަށް ނުވަތަ ވަޒީރުއްދާޚިލިއްޔާއަށާއި އަތޮޅުވެރިންނަށް ފެނުނު އެއަތޮޅު އެހެން ރަށަކަށް ގެންދިއުމީ ހުއްދަ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން 26 ޖޫން 1952 ގައި ފާސްކުރި ބިލް ބަލައި ގަބޫލުވެ ތަސްދީގުކޮށް މިގާނޫނު ދިވެހިރާއްޖޭގައި ހިންގުމަށް ބޮޑުވަޒީރަށް އަމުރު ދީފީމެވެ" މިގަރާރުގައި ސޮއިކުރައްވައިފައިވަނީ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން މުހައްމަދު އަމީނެވެ.

ރާއްޖެތެރޭގެ މީހުން ރަށަށް ފޮނުވައިލުމުގެ ގާނޫނު. މިގާނޫނު ތަސްދީގުކުރެއްވި ދައުލަތުގެ އެންމެމަތީ ވެރިޔާ ނުވަތަ ވަލިއްޔުލްއަމްރަކީ ކުރީގެ ރައީސް، މުހައްމަދު އަމީން ---

ކޮންމެއަކަސް މިގާނޫނަށް ކިޔަނީ ރާއްޖެތެރޭގެ މީހުން ރަށަށް ފޮނުވައިލުމުގެ ގާނޫނެވެ. މިގާނޫނު ތަސްދީގުކުރެއްވި ދައުލަތުގެ އެންމެމަތީ ވެރިޔާ ނުވަތަ ވަލިއްޔުލްއަމްރަކީ މުހައްމަދު އަމީނެވެ. އެމަނިކުފާނުގެ ގަރާރަކުން މިގާނޫނު ހިންގުމާ ހަވާލުކުރެވުނު ސަރުކާރުގެ ވެރިޔާ ނުވަތަ ބޮޑުވަޒީރަކީވެސް މުހައްމަދު އަމީނެވެ. މިގާނޫނު ހިންގުމާބެހޭ ވަޒީރު ނުވަތަ ވަޒީރުއްދާޚިލިއްޔާއަކީވެސް ހަމަ މުހައްމަދު އަމީނެވެ. ފުރަތަމަ ޖުމުހޫރިއްޔާ 1953 ގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އިއުލާނު ކުރެވުނީ މި ގާނޫނަށް އަމަލުކުރަން ފެށިތާ ހަމަސް ފަހުންނެވެ. ޖުމްހޫރީ ދައުރުގައި އަމީނުގެ މަގާމުތައް އަދިވަކިން ގިނައެވެ. ވަލިއްޔުލްއަމްރެވެ. ސިފައިންގެ އެންމެމަތީ ވެރިޔާއެވެ. ސަރުކާރުގެ އެންމެމަތީ ވެރިޔާ ނުވަތަ ބޮޑުވަޒީރެވެ. ގައުމުގެ ރައީސެވެ. ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. ބޮޑުވަޒީރުގެ ހައިސިއްޔަތުން ޕާލަމެންޓުގެ މެންބަރެކެވެ. އާރާއިބާރުހުރި އެންމެހައި ވުޒާރާތަކުގެ ވަޒީރެވެ.

އަމީނަކީ ޑިފެންސް މިނިސްޓަރެވެ. ހޯމް މިނިސްޓަރެވެ. ފިނޭންސް މިނިސްޓަރެވެ. ފޮރިން މިނިސްޓަރެވެ. ކޮންމެއަކަސް މިގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮަށް ވަލިއްޔުލްއަމްރު ތަސްދީގު ކުރެެއްވި ގާނޫނެކެވެ. އެބުނާ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން އިންތިޚާބުކުރި ހަމައެއްވެސް މެންބަރަކު ނެތެވެ. ތިބީ ދައުލަތް ހިންގާން ހުންނަ ވެރިޔަކު އައްޔަން ކުރައްވާ މެންބަރުންނެވެ. ހަމަހުރިހާ އަތޮޅެއްގެ މެންބަރުންނަށްވެސް ތިބީ މާލޭގެ ބޮޑެތި އާއިލާތަކަށް ނިސްބަތްވާ މާލޭގެ މީހުންނެވެ. ކަލެއަކީ މިއަދަށްފަހު މިވެނި އަތޮޅެއްގެ މެންބަރޭ ވިދާޅުވެ އައްޔަން ކުރެއްވީމާ އެހެރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ރައްޔިތުންނާ ބެހޭ ކަމެއްވެސް ނޫނެވެ. ރައްޔިތުން ދަންނަ މީހެއް ނޫނެވެ. ރުހޭ މީހެއްވެސް ނޫނެވެ. އަދި ކިޔެއްތަ ރައްޔިތުން އުޅޭނޫޅޭ ބަލަން ރައްޔިތުންގެ ގާތަށް ދިޔަ މީހެއްވެސް ނޫނެވެ. މިގާނޫނަކީ ރާއްޖެތެރޭ މީހުން މާލެއިން ޑީޕޯޓްކުރުމުގެ ގާނޫނުކަމަށްވާއިރު ޑީޕޯޓްކުރުމުގެ ބާރު ދީފައިވަނީވެސް މާލޭ މީހުންނަށެވެ.

ޑީޕޯޓް ކުރެވޭ މީހާގެ އުފަންރަށް އޮންނަ އަތޮޅެއްގެ ކޮންމެ ރަށަކަށްވެސް އެމީހަކު ފޮނުވައިލުމުގެ ގާނޫނީ ބާރު ލިބިދެނީ ހޯމް މިނިސްޓަރާއި އަތޮޅުވެރިޔާއަށެވެ. ޑީޕޯޓް ކުރުމުގައި ބަލާނެ ވަކި އުސޫލެއް ހަމައެއް ނެތެވެ. ވާންޖެހެނީ "ރާއްޖެތެރޭގެ" މީހަކަށެވެ. އެނިމުނީއެވެ. ދެންއޮތީ ފެނުމެވެ. ހިތަށް އެރުމެވެ. އެދުވަސްވަރު އެކި އަތޮޅުތަކުގެ އަތޮޅުވެރިން ކަމުގައި ގިނައިން ތިބެނީވެސް މާލެއަށް ނިސްބަތްވާ މީހުންނެވެ. ވަރަށްވެސް މަދު އަތޮޅެއްގައި އެއަތޮޅަކަށް ނިސްބަތްވާ އަތޮޅުވެރިޔަކު ހުރެދާނެއެވެ. އަތޮޅުވެރިޔާ ކުރާނީ ހޯމް މިނިސްޓަރު އަންގަވާ ކަމެކެވެ. އެއީ އެދުވަސްވަރު އެކަން އޮންނަ ގޮތެވެ. މަތީގައި ބަޔާންކުރެވުނު ބީދައިން މިގާނޫނު އުފަންކޮށް ތަސްދީގުކޮށް ތަންފީޒުކުރީ މުހައްމަދު އަމީނެވެ. ރާއްޖެތެރޭގެ މީހުން މާލެއިން ބޭރުކުރުމަކީ ގާނޫނީގޮތުން ކުރުން ލާޒިމު ކަމަކަަށް ހެދީވެސް އަމީނެވެ. ތާރީޚުގައި މިކަން މިނޫންގޮތަކަށް ބަޔާންކޮށް ގިރިޓީކުރުން ވާނީ ހަމަޔަގީނުންވެސް ތާރީޚު އޮޅުވައިލުމަކަށެވެ.