ރޭ ފަތިހު މާލެއިން ފުރައިން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ގއ. ދާންދޫ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާނެވެ.

ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ. އެއިން ހަތް މީހަކު ދަތުރުކުރިއެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވާ ކަމަށެވެ. އަނެއް ދެމީހުން އަދި ނުފެންނަ ކަމަށްވެސް ބުންޏެވެ.

މެރިން ފުލުހުން ފޭސްބުކުގައިކުރި ޕޯސްޓެއްގައި ބުނީ ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮޅުވެއްޓިއެއް ބަންޑުން ޖެހުމުގެ ހިތާމަވެރި ހާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނިވަޑައިގެންނެވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

"މަރްހޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުއާކޮށް، އެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެން" ރައީސް ވިދާޅުވި އެވެ.

އެ ހާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ދެ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދިވަޑައިގެން ދުއާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އައުމަށް އެދި ދުއާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ހުރިހާ ފަޅުވެރީންގެ އާއިލާތަކަށްވެސް އަޅުގަނޑު އެދެނީ ކެތްތެރިކަން ދެއްވުން. އިރާދަކުރެއްވިއްޔާ، ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ" ރައީސް ވިދާޅުވިއެވެ.

މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކާތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވާކަމަށް ރައީސް ވިދާޅުވިއެވެ.