ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެޓާނީޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭޖީ އުޝާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އޭޖީ ވިދާޅުވީ ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލައިވާލައިފައި އޮތް ސެޓަލްމަންޓް ކޮމިޓީން ރަށްރަށާއި ފަޅުތައްވެސް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާއިރު، އެ ކޮމިޓީން ބަދަލުގެ ގޮތުގައި ދީފައިވާއަކު، 800 މިލިޔަނަށްވުރެ ގިން ރުފިޔާއަށ އަރާ ކަަމށެވެ.

ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް ބައެއް ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށާއި، އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް ބަދަލު ދީފައިވާކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ މި ސެޓަލްމަންޓް އެއްބަސްވުންތަކުގެ ދަށުން ދޫކުރި ފަޅުތަކާއި ރަށްތައް މިހާރު ދައުލަތަށް އަނބުރާ ނަގާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީން ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން އަމަލުކުރަމުންދިޔައީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި ކަމަށް ވިދާޅުވެ އެ ކޮމިޓީ ވަނީ އުވާލައިފައެވެ.

ސަރުކާރު ބަދަލުވެ ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގަތުމުން، ބަންޑާރަނައިބުގެ ލަފާފުޅުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ 21 ނޮވެމްބަރ 2023ގައި ސެޓަލްމަންޓް ކޮމިޓީ އުވާލައްވާފައެވެ.