ގާޒާގައި ހިގަމުންދިޔަ ހަގުރާމަ ދެއަހަރަށްފަހު މެދުކެޑިއްޖެއެވެ. ބޮމާއި ބަޑީގެ އަޑުއަޑު މިވަގުތަކަށް ހިމޭންވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްވެހުރެގެން އެކުލަވައިލި ވިހި ނުގުތާގެ ސުލްހައިގެ ޕްލޭނަށް އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްބަސްވެ މިވަގުތަކަށް ހިމޭންވެގެންފިއެވެ. މި ޕްލޭން ތަންފީޒުކޮށް މިއީ ދާއިމީ ސުލްހަޔަކަށް ހެދުމުގެ މަސައްކަތަށް އެމެރިކާގެ އިތުރަށް ގަތަރު، ތުރުކީ އަދި މިސްރުވެސް ޖާމިނުވެ އައު އެއްބަސްވުމެއްގައި ސޮއި އަޅައިފިއެވެ. ހަގުރާމަ ހުއްޓައިލުމުގެ ޕްލޭނުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މައިގަޑު ދެކަމަކީ ހަމަލަތައް މެދުކަޑައިލުމާއި އަސީރުންނާއި ގައިދީން މިނިވަންކުރުމެވެ. ފާއިތުވި ތިން ހަތަރު ދުވަހެއްގެ ތެރޭގައި މި ދެނުގުތާއަށް އޮތީ އަމަލު ކުރެވިފައެވެ. ނުވަތަ ކުރާން ފެށިފައެވެ. ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ދުނިޔޭގައި މިހާރުތިބި ވިހި މީހުން މިނިވަންކޮށް އިޒްރޭލާ ހަވާލުކޮށްފިއެވެ.
ރަހީނުންގެ ތެރެއިން މަރުވެފައިވާ ބައެއް މީހުންގެ ކަށިތައްވެސް އިޒްރޭލާ ހަވާލުކޮށްފިއެވެ. އަނެެއްކޮޅުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން ގާތްގަޑަކަށް ދެހާހެއްހައި މީހުން އިޒްރޭލުންވެސް ދޫކޮށްލައިފިއެވެ. އެކަމަކު އަދި އެވަރަކުން ނުފުދެއެވެ. އިޒްރޭލުގެ ރަހީނުންގެ ތެރެއިން މަރުވެފައިވާ ވިހި މީހެއްގެ ކަށިތައް އަދި ހަވަަލު ނުކުރާ ކަމަށް އިޒްރޭލުން ބުނެއެވެ. ހަވާލުކުރުމުގެ މުހުލަތު ހަމަވެފައިވާ ކަމަށާއި އެކަންކަން ނުނިމެނީސް އިޒްރޭލު ސިފައިން މައިތިރި ނުވާނޭ ކަމަށް ނަތަންޔާހޫ ގެންދަނީ ބުނަމުންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ ގާޒާއަށް ސުލްހަ ގެނައުމުގެ ކަންކަމަށް ބާރުގަދަ ބައެއް ގައުމުތަކުން ޖާމިނުވިޔަސް އަދި ސުލްހަ ގެނެވިއްޖެކަމުގެ ވާހަކައިން ޓްރަމްޕު ފޮނިކެނޑިޔަސް މިކަން ދާއިމީ ކުރެވިދާނެ ބާވައެވެ. މީގެކުރީފަހަރު ކަންވީގޮތަށް އިޒްރޭލުގެ އުދުވާންތައް އަލުން ނުފަށާނޭ ބާވައެވެ. ނުފަށާނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އިޒްރޭލަކީ ތަޖުރިބާއިން ސާބިތުވާ ފަދައިން އިތުބާރު ކުރެވޭނޭ ދައުލަތެެއް ނޫނެވެ.
ވައުދުތައް އުވައިލުމަކީ އިޒްރޭލުގެ ސިފައެކެވެ. އިޒްރޭލު ސިފައިން ގާޒާއިން މުޅިއަކުން ނުވެސް ފައިބައެވެ. ގާޒާގެ މުޅި ސަރަހައްދުގެ 53 އިންސައްތަ އަދިވެސް އޮތީ އިޒްރޭލުގެ ސިފައިންގެ ބެލުމުގެ ދަށުގައެވެ. ގާޒާއަށް ވަދެނުކުމެވާ މަގުތައް އަދިވެސް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ. ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އަދިވެސް އެކަށީގެންވާ މިންވަރަކަށް ނުގެންދެވެއެވެ. އިޒްރޭލުން ހުރަސްއަޅާތީއެވެ. ކޮންމެއަކަސް ޓްރަމްޕުގެ ވިހި ނުގުތާގެ ޕްލޭނަކީ ތިން ފިޔަވައްސަކަށް ބަހައިލެވިފައިވާ ޕްލޭނެކެވެ. އޭގައި ބުނާގޮތުން ފުރަތަމަ ފިޔަވަހީގައި ކުރާން ލާޒިމު އެންމެހައި ކަންކަން ފުރަތަމަ ހަފުތާ ތެރޭގައި ނިމޭންޖެހެއެވެ. އެކަމަކު އޭގެތެރެއިން ދެކަމެއް އަދިވެސް ފުރިހަމައެއް ނުވެއެވެ. އެއީ އެހީގެ ތަކެތި އައުމާއި މަރުވެފައިވާ ރަހީނުންގެ ކަށިތައް ރުޖޫއަކުރުމެވެ. މިކަންކަން ފުރިހަމަ ނުވަންޏާ ދެވަނަ ފިޔަވައްސެއް ނުފެށޭނެއެވެ. ފަށާކަށް ފުރުސަތެެއް ނޯންނާނެއެވެ.
ފުރަތަމަ ފިޔަވަހީގައި ކުރުން ލާޒިމު ކަންކަން ފުރިހަމަކޮށް ނިމުނީމާ ދެންއޮތީ ދެވަނަ ފިޔަވަހީގައި ކުރާނެ ކަންކަން ތަރުތީބުކުރުމާބެހޭ މަޝްވަރާތައް ފެށުމެވެ. ގާޒާގައި ސުލްހަ ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ލަޝްކަރެއް ހަރަކާތްތެރިވުމާއި އެ ލަޝްކަރަށް އެއްބާރުލުން ދިނުމާއި މިހެންގޮސް ސުލްހަ ޔަގީންކުރުމަށްޓަކައި ކުރާންޖެހޭ ކަންކަމުގެ ތާވަލެއް އެކުލަވައިލާނީ މި މަޝްވަރާތަކުގައެވެ. އެހިސާބުން ދެން ހަގުރާމައަށް ދާއިމީ ނިމުމެއް އައީކަމަށް ނިންމިދާނެއެވެ. ޓްރަމްޕުގެ ޕްލޭން ބުނާގޮތުންނެވެ. އެހިސާބަށް ނުދެވޭހާ ހިނދަކު އަލުން ހަގުރާމަ ފެށުމުގެ ބިރު އޮންނާނެއެވެ. މި ޕްލޭނަށް އިޒްރޭލުން ފުރަގަސްދީފައި ޖަރީމާތައް ފެށުމުގެ ބިރުވެރިކަން އޮންނާނެއެވެ. ކޮންމެއަކަސް މިޕްލޭނުގެ ތިންވަނަ މަރުހަލާޔަކީ އެންމެފަހު މަރުހަލާއެވެ. އެބައިގައި ހިމެނޭނީ ގާޒާ އަލުން އާރާސްތުކުރުމުގެ ކަންކަމެވެ. ގާޒާގައި ވެރިކަން ހިންގުމުގެ ނިޒާމާއިގުޅޭ ކަންކަމެވެ. މިއީވެސް އެތަކެއް ގޮންޖެހުންތައް ކުރިމަތިވާނޭ މަރުހަލާއެކެވެ.
ޓްރަމްޕުގެ ވިހި ނުގުތާގެ ސުލްހައިގެ ޕްލޭނުގައި އެމެރިކާއަށް ވަރަށްބޮޑު ދައުރެއް އޮތީ ދީފައެވެ. އޭގެތެރެއިން އެއްދައުރަކީ ސުލްހަ ބެލެހެއްޓުމުގެ ބައިނަލްއަގުވާމީ ލަޝްކަރުގެ ކަންކަން ސީދާ އެމެރިކާގެ ބެލުމުގެ ދަށުގައި އޮތުމެވެ. މި ލަޝްކަރަކީ މައިގަޑު ގޮތެެއްގައި އަރަބި ގައުމުތަކުގެ ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެކެވެ. އެމީހުންނަކީ ކޮންބައެއްކަމާއި ގެންގުޅޭނީ ކޮންކަހަލަ ހަތިޔާރެެއްކަމާއި ހަރަކާތްތެރިވާނޭ ގޮތާއި މިކަންކަން ނިންމައި ބަލަހައްޓާނީ އެމެރިކާގެ ސިފައިންނެވެ. އެމީހުން ތިބޭނީވެސް ގާޒާގައެވެ. ގާޒާގެ ވެރިކަން އެންމެފުރަތަމަ ކުރަން ހަމަޖެހިފައިވަނީ ފަލަސްތީނުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. މިކޮމިޓީގެ ކަންކަން ބަލަމުންދާނީ ސުލްހައިގެ ޚާއްސަ ބޯޑަކުންނެވެ. މި ބޯޑުގެ ވެރިޔާގެ ގޮތުން ރިޔާސަތު ބަލަހައްޓާނީ ސީދާ ރައީސް ޓްރަމްޕެވެ. އެހެންވީމާ ގާޒާގެ ވެރިކަން ހަގީގަތުގައި ކުރާނީ ޓްރަމްޕެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. އިޒްރޭލުން ރުހޭގޮތަކީވެސް މިއީއެވެ.
ގާޒާގެ ވެރިކަން ހިންގުމުގެ ކަންކަމުގައި ފަލަސްތީނުގެ ސަރުކާރަކަށްވެސް އަދި ހަމާސް ޖަމާއަތަށްވެސް ދައުރެެއް ދިނުން ނުހިމެނެއެވެ. އެކަމަކު އެޒާތުގެ ދައުރެެއް އޮތުމަށް ހަމާސްއިން އެދެއެވެ. މިއީ ކުރިއަށްެއޮތް ތަނުގައި އަރައިރުންތަކެއް އުފެދި ހުރިހާކަމެއް އެކޮޅުކޮޅުން ޖެހިދާނޭ ކަމެކެވެ. ކޮންމެއަކަަސް ޓްރަމްޕުގެ ޕްލޭނުގައި މިނޫނަސް މައްސަލަ އުފެދިދާނޭ އެހެން ނުގުތާތަކެއްވެސް އެބަހުއްޓެވެ. ތަފާތު ގޮތްގޮތަށް މާނަކުރެވިދާނެ ނުގުތާތަކެއްވެސް އެބަހުއްޓެވެ. ފަލަސްތީނު މީހުންނަށް ވަކި މާނައެކެވެ. އިޒްރޭލަށް ވަކި މާނައެކެވެ. މިކަންކަން މިހެންހުރީމާ ހަގުރާމައަށް ދާއިމީ ނިމުމެއް އައީކަމަށް ހީކުރުން އަދިމާއަވަހެވެ. މިވަގުތު ގާޒާ ހިމޭންވެފައި ެޮއޮތަސް މީގެ އެއްއަހަރު ކުރިން ކަންތައް މެދުވެރިވި ބީދައިން އިޒްރޭލުން އަނެއްކާވެސް ޖަރީމާޔަށް އަލުން ރުޖޫއަވެދާނެއެވެ. ގާޒާއިން މުޅިން ނުފައިބައި ގަދަފައި ވިއްދައިގެން ތިބެން ދިމާކޮށްފިނަމަ ސުލްހަ ގާއިމެއް ނުވާނެއެވެ. އެކަން ކަށަވަރެވެ.
ސިނާން އަލީ
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް