ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖެއްސީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެފަހުން މިހާތަނަށް ކުޅުނު މެޗުތަކަކީ ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެމެޗާއި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ގްރޫޕް ސްޓޭޖުގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ދެމެޗެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން، އެ ހަތަރު މެޗަކީވެސް މަރުގެ މެޗުތަކެވެ. ސައުތު އޭޝިއަން ސުޕަ ކަޕް ދެމެޗަކީ އެކުވެރިކަމުގެ މެޗުތަކެއް ކަމަށް ލިސްޓް ކޮށްފައިވީ ނަމަވެސް، އެއީ ހަގީގަތުގައި ރާއްޖެއަށް މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުތަކެވެ. ސަރަހައްދީ ފުޓުބޯޅައިގެ އަގު ހިފެހެއްޓުމަށެވެ.

އޭގެ ކުރިން އެންމެފަހުން ގައުމީ ޓީމުން އެކުވެރިކަމުގެ ދެމެޗެއް ބަންގްލަދޭޝްގައި ކުޅުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެ ގައުމުގައެވެ. އޭގެ މާކުރިން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ދިޔައީވެސް އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ. 2023 ވަނަ އަހަރު ކުޅުނު ހަމައެކަނި އެކުވެރިކަމުގެ މެޗަކީ ޕާކިސްތާނާ ދެކޮޅަށް ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗެވެ. އޭގެ ކުރިން 2022 ވަނަ އަހަރުވެސް ރާއްޖޭ ގައުމީ ޓީމުން ކުޅުނީ އެކުވެރިކަމުގެ ފަސް މެޗެކެވެ.

10 ސެޕްޓެމްބަރ 2025، ސައުތު އޭޝިއަން ސުޕަކަޕާއެކު އުފާފާޅުކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެކުވެރިކަމުގެ މެޗުތަކުގެ އަދަދުތަކަށް ބަލައިލެވުނީ، އިއްޔެ މާލޭގައި ކުޅުނު ކޮލިފިކޭޝަން މެޗުގެ ކުރިން ގައުމީ ޓީމުގެ ކޯޗު މޯހަން ފާހަގަކުރި ވާހަކައަކަށް ބިނާކޮށްގެންނެވެ.

"މިހާރު މިއޮތް ސްކޮޑު ވަރަށް ލިމިޓެޑް. ތެދުތެދަށް ދަންނަވާ ކަމަށް ވަންޏާ ބައެއް މަގާމުތައް އެބަހުރި ބަދަލެއް ކޮށްލަން ބިރުގަންނަން ޖެހޭ މަގާމުތައް. މިސާލަކަށް ބަލަމާ ހިނގާ މެދުތެރެ. ގައުމީ ޓީމަށް ކުޅެފައި ތިބި ކުޅުންތެރިން ވަރަށް މަދު، ދެން އެތަނަށް އަލަށް ނެގޭ ފެންވަރު ކުޅުންތެރިންވެސް ލީގުންވެސް ފެންނަނީ މަދުން. ދެން މަޑުމަޑުން ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން ޓީމަށް ގެންނަން މަސައްކަތް ކުރަމުން މިދަނީ. އެ މަސައްކަތް ބާރަކަށްވެސް ނުކުރެވޭނެ. އެކަން ކުރަން އަދި ފުރުސަތެއް ނުލިބޭ. އެކަން ކުރެވޭނީ އެކުވެރިކަމުގެ މެޗުތައް ލިބިގެން. އެކުވެރިކަމުގެ މެޗަކީ ނަތީޖާ އެންމެ މުހިއްމު އެއްޗަކަށް ނުވެ، އަޅުގަނޑުމެން ސަޕޯޓަރުންނަށް ވިސްނަ ދީގެން، މަޑުމަޑުން މި ކުޅުންތެރިން މީގެ ތެރެއަށް ހާނަނީ ކަމަށް ބުނެގެން ކުޅެވޭނެ މެޗުތަކެއް،" ތަޖިކިސްތާން މެޗުގެ ކުރިން މޯހަން ބުންޏެވެ.

އަލަށް ގައުމީ ޓީމަށް އަރައި، ޓީމަށް ބަދަލު އަންނަ ނިސްބަތް މިދިޔަ ފަސް ވަރަކަށް އަހަރުވެސް ފެނުނީ ވަރަށް ދަށްކޮށެވެ. މޯހަން ކޯޗުކަމާ ހަވާލުވެ، ފުރަތަމަ ދުވަހު ބުނި އެއް ވާހަކައަކީ ޓީމަށް ބަދަލު އަންނާނެކަމުގެ ވާހަކައެވެ. ނަމަކަށް ބަލައިގެން ޓީމު ނުނަގާނެކަމުގެ ވާހަކައެވެ. ހަގީގަތުގައި އަދިވެސް ކޯޗު މޯހަން އެހުރީ އެ ވިސްނުމުގައެވެ. އެކަމަކު ކޯޗަށް ހުނަރު ފެންނާނެ މަގެއް ލީގުންވެސް ފަހިވާން ޖެހެއެވެ. ކޯޗަށް ކުޅުންތެރިން ޓެސްޓް ކުރާނެ ފުރުސަތު ހޯދައިދެވެން ޖެހެއެވެ.

މޯހަން، ގައުމީ ޓީމުން ލަންކާ މެޗަށްފަހު މާލެ އައުމުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"މިކަހަލަ މުބާރާތްތައް، ކޮލިފިކޭޝަންތަކުގަ ކުޅުންތެރިން ޓެސްޓް ކުރާނީ ކިހިނެއް؟. ކުޅުންތެރިއެއް ހަލާކުވިޔަސް، ތަޖުރިބާ ނެތް ކުޅުންތެރިޔަކު ބޭނުމެއް ނުކުރެވޭނެ. އެއީ ކުއްލިއަކަށް ވަރުގަދަ މެޗަކަށް ލައިގެން، ކުޅުންތެރިންނަށް ޕްރެޝަރު ހެންޑްލް ނުކުރެވިގެން ކެރިއަރު ހުއްޓާލަންވެސް ޖެހިދާނެ. އާ ކުޅުންތެރިން އެބަތިބި. އެހެންވިޔަސް އެކުޅުންތެރިން ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗުތައް ކުޅެން ޖެހޭ. ޓެލެންޓް އެބަހުރި، އެކަމާ ޝައްކެއް ނެތް. އެކަމަކު ޓެލެންޓް މީގެ ތެރެއަށް ހާނަން ޖެހޭނެ،" މޯހަން މެޗުގެ ކުރިން އިތުރަށް ބުންޏެވެ.

މެޗުގެ ފަހުން ކަންބޮޑުވުމެއް: ސްކޮޑު ދަނީ އަނެއްކާވެސް އުމުރު މަތިވަމުން

ރަނގަޅެވެ. މިދިޔަ ފަސް ވަރަކަށް އަހަރަކީ ރާއްޖޭ ފުޓުބޯޅައިގެ އެންމެ ކަޅު ދުވަސްތަކެވެ. ކޮރަޕްޝަނާއި ފައިސާގެ އެތައް ހިޔާނާތަކުން މުޅި ފުޓުބޯޅަ އަނދަވަޅަކަށް ވެއްޓި، ހާވިޔާވީއެވެ. އޭގެ ސަބަބުން ގައުމީ ޓީމަށް އެކަމުގެ އަސަރުކުރިއެވެ. މެޗުތައް މަދުވިއެވެ. އޭގެ ސަބަބުން، ޖީލެއްގެ ހުނަރު ގައުމީ ޓީމުން ފަނޑުވިއެވެ. އެ ހުނަރު ކުޅުންތެރިން ގައިގައި ހުރި ނަމަވެސް، އެ ޖީލު މިހާރު ދަނީ މަޑުމަޑުން އުމުރު މަތިވަމުންނެވެ.

"މިޓީމުގައި ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައި ނެތް ނަމަވެސް، 30 އަހަރުން މަތީގެ ވަރަށް ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އެއީ އަޅުގަނޑުގެ ކޮންސާނެއް. އެހެންވީމަ ވަރަށް ވިސްނައިގެން ޕްލޭންކޮށްގެން މަސައްކަތް ކުރަން ޖެހޭ. ވަރަށް ބޮޑަށް ވިސްނައިގެން މަޑުމަޑުން ޓީމުގެ މަގާމުތައް ރިޕްލޭސް ކޮށްގެން ކުރިއަށް އޮތްތާ ނަތީޖާ ނެރެވޭނީ،" މޯހަން އިއްޔެގެ މެޗަށްފަހު ވާހަކަ ދައްކަމުން ބުންޏެވެ.

ސެންޓޭ: މިވަގުތު ރާއްޖޭގެ އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ފޯވަޑް، އޭނާގެ އުމުރަކީ 37 --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެފްއޭއެމްގެ ހާލަތު އަދި ހަމައަކަށް ނޭޅި އޮތް ނަމަވެސް، ހަގީގަތުގައި ޕްލޭނެއް ފަށަން މަޑުކުރެވޭކަށް ނުވެސް ނެތެވެ. ދިވެހި ފުޓުބޯޅައަށް އަވަސް ހައްލެއް ހޯދޭނެ ފަސޭހަ ގޮތްތައް ހުރެ، އެކަމަށް އަމަލުނުކޮށް އަނެއްކާވެސް ތިބެވޭކަށެއް ނެތެވެ. ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް ގައުމީ ޓީމުގެ ވިސްނުމުގައި ތިބި އިރު، އެ ކުޅުންތެރިން ޓީމަށް ގެންނާނެ މަގެއް އަވަހަށް ކޮށަން ޖެހެއެވެ.

އިއްޔެ ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން 30 އަހަރުން މަތީގެ 8 ކުޅުންތެރިޔަކު ފެނިގެން ދިޔައެވެ. އެއީ ކޯޗުގެވެސް ކަންބޮޑުވުމެވެ.

މިއީ ސަރުކާރުންވެސް ވިސްނައި، ފުޓުބޯޅައަށް ފުރުސަތު ފަހިކޮށްދޭންވީ ވަގުތު

އިއްޔެ ގައުމީ ދަނޑަށް ވަދެތިބި ސަޕޯޓަރުން އެ ބުނެދެނީވެސް ވާހަކައެކެވެ. އެ ސަޕޯޓަރުން ބުނެދިނީ އަދިވެސް ފުޓުބޯޅައަށް އޮތް ލޯބީގެ ވާހަކައެވެ. ކުރާ އުންމީދުގެ ވާހަކައެވެ. ޒުވާން ކުޅުންތެރިންގެ ބުރަ މަސައްކަތް ފެންނަ ކޮންމެ ފަހަރަކު މުޅި ދަނޑު އެކީ ދިން ހިތްވަރުން ދައްކުވައިދިނީ ތަފާތު މަންޒަރެކެވެ. ހަގީގަތުގައި ކުލަ ކުލައިގެ ސިޔާސީ ފިކުރުން ފުޓުބޯޅަ ބައިބައިވީއޭ ބުނެ، ނިންމާލެވޭކަށް ނެތެވެ. އެއީ އަސްލު މަންޒަރެއް ނޫނެވެ. ފުޓުބޯޅައަށް އޮތް އިހުތިރާމް ގެއްލުނީ ހިންގުން ދޯހަޅިވެ، ހިންގުން ބޮއްސުންލައި ވައްކަން ކުރުމުންނެވެ. އެ ސަޕޯޓަރުން ތިބީ އުންމީދެއް ހޯދައި، ފުޓުބޯޅައިގެ ފަހަތުން ދާށެވެ. އެއީ ކުލައަކަށް ނުބަލައޭވެސް ބުނެވިދާނެއެވެ.

އެ ސަޕޯޓަރުންގެ މެސެޖަށް ގައުމީ ޓީމެއް ބިނާކުރުމުގައި އިތުބާރުކުރަން ޖެހޭކަން ކުޅުންތެރިން ހުނަރުން ދައްކައިދިނެވެ. ތަޖިކިސްތާނުގެ ކޯޗު، ގޯރަން ސްޓެވަނޮވިޗް ބުނިހެން ޔޫރަޕްގެ ކުޅެވޭނެ ހުނަރުވެރިކަން ދިވެހި ކުޅުންތެރިންގެ ކިބައިގައި އެބަހުއްޓެވެ.

embed-article:https://oneonline.mv/112446

އެހުނަރު ގައުމީ ޓީމަށް ގެނެސް، ފައްކާ ކުރުމަށް ބިރުކަނޑުވާލައި، ތައްޔާރުވާން ޖެހެއެވެ. އެއީ ކޯޗު މޯހަން އިތުރަށް ފާހަގަކުރި ކަމެކެވެ.

"ގިނަ މެޗު އަޅުގަނޑުމެން ކުޅެން ޖެހޭ. ހޯމް އަދި އަވޭ މެޗުތައްވެސް ކުޅެން އެބަޖެހޭ. ނުކުޅޭތީ އަންނަ ބިރެއް ކުޅުންތެރިން ގައިގައި ހުރޭ. ލިބޭ ބޯޅަތައް ފަސޭހައިން ގެއްލުމަކީ އެއީ އިތުބާރު ގެއްލި، ބިރުގެންފައި ތިބޭތީ ވާ ގޮތެއް. އެއީ އިދިކޮޅު ކުޅުންތެރިޔާ އަންނާނެ ގޮތެއް ވިސްނާލަން ނޭނގޭތީ އޮންނަ ބިރެއް،" މޯހަން ބުންޏެވެ.

އެކަމަށް ހައްލު ހޯދަން އޮތީ މެޗު ކުޅުން ކަމަށްވާ އިރު، އެކަމަށް މަސައްކަތް ކުރަން ބޭނުން ވެ، އެކަމަށް އެދިފައިވާ ކަމަށްވެސް ކޯޗު ބުންޏެވެ.

"އަޅުގަނޑަށް މެޗުތަކަށް ރިކުއެސްޓް ކުރެވޭނީ. އެފްއޭއަށް އެކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސޭނީ. ހުރިހާ ކަމެއްވެސް އަޅުގަނޑަށްވެސް އަންޑަސްޓޭންޑް ވޭ. ފައިނޭންޝިއަލީ އެފްއޭ އޮތީ އެންމެ ރަނގަޅަކަށް ނޫންކަން ތިބޭފުޅުންނަށްވެސް އެނގިލައްވާނެ. އެހެންވީމަ އަދި ޕްރެޝަރު ކުރެވޭކަށް ނެތް. އެހެން ނަމަވެސް، ސަރުކާރު ފަޅިންނާއި މިނިސްޓްރީން އެހީތަކެއް ލިބިއްޖެނަމަ، އެކަން ހާސިލްކުރެވޭނެ،" މޯހަން ބުންޏެވެ.

10 ސެޕްޓެމްބަރ 2025، ސައުތު އޭޝިއަން ސުޕަކަޕާއެކު އުފާފާޅުކުރުމުގެ ތެރެއިން މިނިސްޓަރު ރާފިއު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ހަގީގަތުގައި ގައުމީ ކޯޗު، ތަފާތު ތަޖުރިބާތަކާއެކު، ތަފާތު ނަޒަރަކުން ވިސްނައި، ކަންބޮޑުވުންތަކާއެކު އެފާހަގަކުރީ ވަރަށް މުހިއްމު ވާހަކަތަކެކެވެ. ރާއްޖޭގެ ގައުމީ ޓީމަށް ނެގެން ތިބި ކުޅުންތެރިން މަޑުމަޑުން ޓީމަށް ގެންނަން ކުރަން ޖެހޭ މަސައްކަތަށް އޮތް ގޮންޖެހުންތައްވެސް މޯހަން އެ ފާހަގަކުރީއެވެ. ދެން އޮތީ ސަރުކާރާއި އެފްއޭއިން ކޯޗުގެ އަތުގައި ހިފުމެވެ.