ދ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ޝާފިއު އާއި ސެކްރެޓަރީ ޖެނެރަލް، ކައުންސިލް ބަޖެޓުންނާއި ކައުންސިލްގެ މުދަލުން އަމިއްލަ މަންފާ ހޯދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ޝާފިއު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅު ކައުންސިލްގެ ރައީސާއި އެސްޖީގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަމިއްލަ ފަރާތަކުން ވަނީ ސިޓީއެއް ފޮނުވައިފައެވެ. މި މައްސަލައަށް ކޮމިޓީން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވިއެވެ.
ޝާފިއު މިރޭ "ވަން" އަށް ވިދާޅުވީ މި މައްސަލައަކީ އަތޮޅު ކައުންސިލުގައި ވަރަށް ދިގުމުއްދަތެއް ވާންދެން މަސައްކަތް ކުރި މުވައްޒަފަކު، އޭނާ ސިވިލް ސާވިސްގެ ވަޒީފާއިން ރިޓަޔަރ ކުރުމުން އެކަމުގެ ހިތްްހަމަނުޖެހުމުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"އެ ނިންމުމަކީ ސިވިސް ސާވިސްގައި ރިޓަޔަރ ކުރާން އޮންނަ ގަވައިދުގެ ތެރެއިން، ކައުންސިލުގެ އިއްތިފާގުން ނިންމައިގެން، ސިވިލް ސާވިސްއަށް ފޮނުވައިގެން ނިންމި ނިންމުމެއް. އެހެން ނަމަވެސް އެ މުވައްޒަފުގެ ހިތްހަމަނުޖެހުންތަކެއް އެދުވަހުން ފެށިގެން ފެންނަމުން ދަނީ. ތަންތަނަށް ސިޓީތައް ލުމާއި ސޯޝަލް މީޑިއާގައިވެސް އަތޮޅު ކައުންސިލް ބަދުނާމުކޮށް ލިޔުންތައް ޝާއިއުކުރަމުން ދަނީ." ޝާފިއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަތޮޅު ކައުންސިލްގެ މުދަލާއި ތަކެތި ކައުންސިލަރުންނާއި ތަނުގެ ހުރިހާ މުވައްޒަފުންވެސް ބޭނުންކުރަމުން އަންނަނީ އެކަމަށް ހެދިފައި ހުންނަ ގަވައިދު ތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
"މުވައްޒަފުން ނެގުން ކަމަށްވިޔަސް، އަދި ތަނުގެ ވަސީލަތްތައް ބޭނުންކުރުންކަމަށް ވީނަމަވެސް، އެއިން ކޮންމެ ކަމެއްވެސް ދ. އަތޮޅު ކައުންސިލުން ކޮށްފަ ހުންނާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް. މި ކައުންސިލްގެ ކޮންމެ މެންބަރަކުވެސް ކަންކަން ކުރަމުން އަންނަނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން." ޝާފިއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދ. އަތޮޅު ކައުންސިލަކީ، ގަވައިދުން އަބަދުވެސް އޮޑިޓް ކުރަމުން އަންނަ ތަނެއް ކަމަށާއި ހުރިހާ ކަމެއްވެސް ހުންނާނީ އޮޑިޓް މިންގަނޑުތަކާވެސް އެއްގޮތަށް ކަމަށެވެ. އެއްވެސް އޮޑިޓެއްގައި އެ ފަދަ ކަންތައްތަކެއް ފާހަގަކޮށްފައި ނެތް ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.
"ހަގީގަތުގަ މި ފަދަ ގޮތަކަށް ވާހަކަތައް ފެތުރީމަ މުޅި ކައުންސިލްގެ އަގު މި ވެއްޓެނީ. ދ. އަތޮޅު ކައުންސިލަކީ އިތުބާރު ލިބިފައިވާ، ވަރަށް ހަރުދަނާކަމާއެކު ލާމަރުކަޒީ މިންގަނޑަށް ފެތޭގޮތަށް ރައްޔިިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކައުންސިލެއް." ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ، މިއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، ސަތޭކަ ޕަސެންޓު ޒާތީ ކަމެއް ކަމަށެވެ.
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ