ދ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ޝަފީއު އާއި ސެކްރެޓަރީ ޖެނެރަލް، ކައުންސިލް ބަޖެޓުންނާއި، ކައުންސިލްގެ މުދަލުން އަމިއްލަ މަންފާ ހޯދާ ކަމަށްބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އަމިއްލަ ފަރާތަކުުން ފޮނުވާފައިވާ މި މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް އެ ދެފަރާތަށް ވަނީ ކޮށްފައެވެ.
އެގޮތުން، އެއްވެސް އުސޫލެއް، ހަމައެއް ނެތި ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން އަމިއްލަ ބޭނުންތަކުގައި އިރުއިރުކޮޅާ މާލެ ގޮސް އެއީ ރަސްމީ ދަތުރުތައް ކަމަށް ހަދައި ކޮއްތާއި ހުރުމުގެ އެލަވަންސް ނަގަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލަށް އޮންނަ ރަށްތަކުގެ ތެެރެއިން އެއްރަށުުގެ 21 އަހަރު ދުވަހުގެ ކުލި އެއްްފަހަރާ ނެގުމަށްފަހު، އެ ދެމީހުންނަށް މަލީ މަންފާ ލިބޭގޮތަށް ބަޔަކަށް ކުއްޔަށްދިނުމުގެ އިތުރުން ދ. ހޮޅުވެހި ކިޔާ ފަޅުރަށް އެ ދެމީހުންނަށް މަންފާ ލިބޭގޮތަށް ގާނޫނާ ހިލާފަށް 10 އަހަރަށް ކުއްޔަށް ދިނުން ވެސް ހިމެނެއެވެ.
އާންމު މީހަކު އެ މައްސަލަތައް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާއެއް އިއުލާން ކުރުމުން، އެ ދެމީހުން ބޭނުންވާ ފަރާތްތައް ކުރިމަތި ނުލައިފިނަމަ އެ އިއުލާނަށް މީހުން ނުނަަގައި ބާއްވާ ކަމަށާއި، އެ އަހަރަށް ކުރަން ރާވާފައިނުވާ ކަންތައްތަކަށް، އެ ދެމީހުން ބޭނުންވާ ވަގުތަކު އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލްގެ ހަރު މުދާ ކަމަށްވާ އަތޮޅު ލޯންޗާއި، މި ދެމީހުންގެ އަމިއްލަ މަންފާއަށް ބޭނުން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައަށް ކޮމިޓީން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް