ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 192.1 މިލިއަން ރުފިޔާ (12.4 މިލިއަން ޑޮލަރު) ދައުލަތަށް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން 192.1 މިިލިއަން ރުފިޔާ ލިބުނު އިރު ޓެކުހުގެ ގޮތުގައި ދައުލަތަށް 17.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ބަންކަރިން ހިދުމަތުން އާގުބޯޓުފަހަރަށް ވިއްކި ފިއުލްގެ ބޮޑު ބަޔަކީ މީގެ ކުރީން ރާއްޖޭން ނުވިއްކާ ބާވަތެއް ކަމަށްވާ ލޯ ސަލްފާ ފިއުލް ކަމަށް ވެސް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިންގެ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އިސްލާމީ ތާރީޚު
ބިއުޓީ
ދުނިޔެ