ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރުގެ ތަރިކައާ ގުޅޭ ގޮތުން ހިނގަމުންދާ މައްސަލައިގައި، ކަރިޝްމާ ކަޕޫރުގެ ދަރީން ކަމުގައިވާ ސަމައިރާ އާއި ކިއާން، އެ ދެކުދީންގެ ބައްޕަގެ ވަސިއްޔަތާމެދު ސުވާލު އުފައްދައިފިއެވެ.
އެ ދެކުދީންގެ ވަކީލު މަހޭޝް ޖެތްމަލާނީ ދިއްލީ ހައިކޯޓުގައި ބުނެފައިވަނީ، އެ ވަސިއްޔަތަކީ "ހަދާފައިވާ އެއްޗެއް" ކަމަށާއި، ކަރިޝްމާއާ އެކު ކުރި ކައިވެނިން ލިބުނު ދަރީންނަށް ތަރިކައިން މަހްރޫމް ކުރުމަށްޓަކައި ހެދި އެއްޗެއް ކަމަށެވެ. މީގެ އިތުރުން ވަސިއްޔަތުގައި ސަންޖޭގެ ދަރިފުޅުގެ އެޑްރެސް ގޯސްކޮށް ލިޔެފައިވުމާއި، ބައެއް ތަންތަނުގައި ފިރިހެން ދަރިފުޅުގެ ނަން ވެސް ގޯހަށް ލިޔެފައިވުން ފަދަ "ބޮޑެތި ކުށްތައް" ހުރިކަން ވަކީލު ފާހަގަކޮށްފައިވެއެވެ.
މި ވަސިއްޔަތަކީ، ސަންޖޭގެ ފަހުގެ އަންހެނުން ޕްރިޔާ ސަޗްދޭވް އަމިއްލަޔަށް ހަދާފައިވާ އެއްޗެއް ކަމަށްވެސް ކަރިޝްމާގެ ދަރިން ތުހުމަތުކުރެއެވެ. ވަކީލު ޖެތްމަލާނީ ބުނީ ވަސިއްޔަތުގައި ގަހަނާ އާއި ކްރިޕްޓޯ އެސެޓްތައް ހިމެނޭ ގޮތަށް ގިނަ މުދާތަކެއްގެ ތަފްސީލު ހިމަނާފައި ނުވާ ކަމަށާއި، މި ވަސިއްޔަތުން މަންފާ ލިބެނީ ހަމައެކަނި އެއް ފަރާތަށް ކަމަށެވެ.
ސޯނާ ކޮމްސްޓަރގެ ޗެއާމަން އަދި މަޝްހޫރު އޮޓޯ ޕާޓްސް އުފައްދާ ފަރާތެއް ކަމުގައިވާ ސަންޖޭ ކަޕޫރު މަރުވީ ޖޫން މަހު ލަންޑަނުގައެވެ. އޭނާ ކަރިޝްމާއާ ކައިވެނިކޮށްގެން އުޅުނީ 2003 އިން 2016 އަށެވެ. އަދި 2017 ގައި ޕްރިޔާއާ ކައިވެނިކުރިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިހާރު ދިއްލީ ހައިކޯޓުގައި ކުރިއަށްދާއިރު، ޕްރިޔާ ވަނީ އޭނާގެ ފިރިމީހާގެ މުދަލުގެ ތަފްސީލު ސިއްރު ސިޓީއުރައެއްގައި ކޯޓަށް ހުށަހެޅުމުގެ ހުއްދައަށް އެދިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް