ރާއްޖެ ބަނގުރޫޓުވުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އަންނަ އަހަރު ދައްކަންޖެހޭ ސުކޫކު ޕޭމަންޓު ވެސް ދެއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ މިމަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދާދިފަހުން ވަނީ ދައްކައިފައެވެ. ސުކޫކުގެ ފަހު ޕޭމަންޓު އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަން ޖެހޭނެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބިލެތްފަހީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށާއި ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް ދައްކަމުންދާ ކަމަށެވެ. އަދި ބައެއް ދަރަނިތައް ދެއްކުމަށް އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށް، އެކި ކަހަލަ ގޮތްގޮތަށް އެއަށް ލުއިތައް ގެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އަންނަ އަހަރު ދައްކަން އޮތް ސުކޫކު ޕޭމަންޓު ދެއްކުމުގައި ވެސް އަޅުގަނޑުމެން މި ބަރާބަރަށް ކުރަމުންދާ މަސައްކަތް ޕްލޭންކޮށްގެން މި ކުރަމުންދާ މަސައްކަތް ފުރިހަމަކަމާއެކީ ކާމިޔާބުވަމުން ދަނީ، ފުރިހަމަ ކަމާއެކީ އެކަން ކާމިޔާބު ވާނެ. މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް އިރާދަކުރެއްވިއްޔާ ނެތް މި އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ކަންތަކުގައެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބަނގުރޫޓުނުވާނެ ކަމަށާއި ފުރިހަމައަށް ހުރިހާ ކަމެއް ތަރުތީބުކުރައްވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ރިޒާވް ވެސް މިހާރު ހުރީ ރަނގަޅު ހިސާބެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ،

"އެ ހުރިހާ ކަމެއްވެސް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަންވެސް ހާސިލުކޮށްދެމުން މި ގެންދަނީ އިރާދަކުރެވިއްޔާ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް. އެގޮތުގައި ކުރިއަށްދިއުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ކަންބޮޑުވުމެއް މިހާރު އޮތް ކަމެއް ނޫން. ކުރިއަކުން ވެސް އިރާދަކުރެއްވިއްޔާ ނެތް، މިހާރަކުވެސް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިމަހުގެ ދެވަނަ ދުވަހު އެ މަނިކުފާނު އިއުލާންކުރެއްވި ގޮތަށް، ކުރީ ސަރުކާރުން ނުދައްކާ ހުރި އެތައް މިލިއަން ރުފިޔާގެ ފައިސާ ހިމެނޭހެން، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ހުރިހާ ބިލެއް ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭގައި ދައްކައި ނިންމޭނެ ކަމަށެވެ.