މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް އިންތިހާބުވީ މެންބަރުން، އެ ކޮމިޝަންގެ މެންބަރުކަމަށް މިއަދު ހަމަޖައްސައިފިއެވެ.

މީޑިއާތަކުން ކޮމިޝަނަށް އިންތިހާބުކުރާ ހަތަރު މެންބަރުން ހޮވިފައިވަނީ އިންތިހާބަކާ ނުލައެވެ. އެއީ އެ މަގާމުތަކަށް ކުރިމަތިލާފައިވަނީ އިންތިހާބުކުރާ އަދަދަށް ކަމަށްވާތީއެވެ. އެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކުރިއަށްގެންދަން ޖެހެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހޮވުނު އިންތިހާބީ މެންބަރުން

  • އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
  • ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
  • ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
  • ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ

ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައިވާ ގޮތުގެ މަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އެ ބޭފުޅުން އިންތިހާބުވެފައިވާތީ، އެ ގާނޫނުގައިވާ ގޮތުގެމަތީން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ބޭފުޅުން ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެން ވަނީ ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ. މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ އިތުރުން ކޮމިޝަންގައި ދެން ހިމެނޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ.

ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ދިހަ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

އެ ބޭފުޅުންނަކީ؛

  • ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް
  • މޫސާ ރިލްވާން، މ. ހާވިލާ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • ޝެހެނާޒް އަދްނާން، ދރ. ރސ. 80580
  • މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
  • ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ