މިއަހަރުގެ ފިލްމްފެއާ އެވޯޑްސްގައި ލާޕަތާ ލޭޑީސް އަށް ފަހުރުވެރި 13 އެވޯޑެއް ލިބިއްޖެއެވެ. މީގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ ޝަރަފުވެރި މަގާމުވެސް ހިމެނެއެވެ.

ފަހުރުވެރި ޑައިރެކްޓަރު، ކިރަން ރާއޯ ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކުރުމަށްފަހު އައިކޮނިކް ބްލެކް ލޭޑީ ހިފަހައްޓައިގެން އޭނާގެ ޝުއޫރުތައް ހިއްސާކޮށްފައެވެ. އެރޭގެ ހާއްސަ ކަމާއި ފިލްމު 'ލާޕަތާއަކަށް' (ގެއްލިފައިވާ އެއްޗަކަށް) ނުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމަށް ތަރުހީބު ދިން އެންމެނަށް ޝުކުރު އަދާކޮށް އެންމެންގެ ލޯބި ލިބުން މުހިންމުކަންވެސް އޭނާ ފާހަގަކުރިއެވެ.

މި ފިލްމަށް ލިބުނު އެވޯޑު ތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު - ކިރަން ރާއޯގެ އިތުރުން އެންމެ މޮޅު އަންހެން އެކްޓަރު (ކްރިޓިކްސް) - ޕްރަތިބާ ރަންތާ، އެންމެ މޮޅު ފިރިހެން ސަޕޯޓިން ރޯލު - ރަވީ ކިޝަން، އެންމެ މޮޅު އަންހެން ސަޕޯޓިން ރޯލު - ޗާޔާ ކަދަމް، އެންމެ މޮޅު ފިރިހެން ޕްލޭބެކް ސިންގަރ - އަރިޖިތް ސިންގް އަދި އެންމެ މޮޅު ލިރިކްސް - ޕްރަޝާންތު ޕާންޑޭ (ސަޖްނީ) ހިމެނެ އެވެ މީގެ އިތުރުން އެންމެ މޮޅު މިޔުޒިކް އަލްބަމް - ރާމް ސަމްޕަތު އާއި އެންމެ މޮޅު ޑެބިއު (އަންހެން) - ނިތާންޝީ ގޯއެލް އާއި އެންމެ މޮޅު ސްކްރީންޕްލޭ - ސްނޭހާ ދޭސާއީ، އެންމެ މޮޅު ކޮސްޓިއުމް - ދަރްޝަން ޖަލާން، އެންމެ މޮޅު ބެކްގްރައުންޑް ސްކޯރ - ރާމް ސަމްޕަތު އަދި އެންމެ މޮޅު ޑައިލޮގް - ސްނޭހާ ދޭސާއީ އަށް ލިބިފައިވެއެވެ.

މި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ޒީނަތު އަމާން އަދި ޝްޔާމް ބެނެގަލް އަށް ދީފައިވެއެވެ. މިއީ އެ ދެ ފަންނާނުންގފެ ކެރިއަރުގައި ކޮށްފައިވާ މަސައްކަތްތަކަށް އަދާކުރި އިހުތިރާމެކެވެ.