ހެކީގެ ގޮތުގައި ހިފަހައްޓާ އެއްވެސް ޑިޖިޓަލް ވަސީލަތަކުން މައުލޫމާތު ލީކު ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން "އެކްސް"ގައި ކޮމެންޓުކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވަނިކޮށް، އޭނާގެ ފޮޓޯއެއް އެކްސް އެކައުންޓަކުން ލީކުކޮށްލާފައިވަނިކޮށެވެ.

އެ މައްސަލައިގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ހިދުމަތުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އެ އުސޫލުތަކުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރުކުރެވިފައި ކަމަށާއި އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ.

"ވީމާ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ތަހުގީގުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލްކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.

ޝިމަންގެ ފޯނު ހިފަހައްޓަން އަމުރު ނެރެފައިވަނީ މިމަހުގެ 6 ގައެވެ. ޝިމަންގެ ފޯނު ހިފެހެއްޓުމަށް ނެރެފައިވާ ކޯޓު އަމުރުގައި ފޯނު ހިފަހައްޓާ ސަބަބެއް ކަމަށް ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ރައީސް މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

އެ އަމުރުގައި ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސް ވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ވަނީ އަންގައިފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖުން ވެސް ޝިމަން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުންނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިޔަނުދިނުމަކީ ކުށެއް ކަމަށެވެ.