މިއަހަރުގެ ނޯބަލްގެ ސުލްހައިގެ އިނާމު ލިބިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަރަށް ބޮޑަށް ކެމްޕޭނު ކުރަމުން ދަނިކޮށް އޭނާގެ މޫނުމަތީގައި ތަފާއްޔެއް އަޅައިލުމަށްފަހު މި އިނާމު ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ އަންހެން ބޭފުޅެއް ކަމުގައިވާ މަރިއާ ކޮރީނާ މަޗާޑޯއަށް ދިނުމަށް ނޯބަލް ޕީސް ޕްރައިޒް ކޮމިޓީން ވަނީ ހުކުރު ދުވަހު ނިންމައިފައެވެ.
އުމުރުން 58 އަހަރުވީ މަޗާޑޯއަށް މި އިނާމުދޭން ކޮމިޓީން ނިންމީ ހުށައެޅިފައިވާ ކެންޑިޑޭޓުންގެ ނަންތައް ދިރާސާކޮށް ބަލައިފައެވެ. ޓްރަމްޕުގެ ނަންވެސް ހިމެނޭގޮތުންނެވެ. މަޗާޑޯއަކީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރެކެވެ. ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރަށް ފިއްލަވައިގެން ގައުމުން ބޭރުގައި އުޅުއްވާ ބޭފުޅެކެވެ. ކޮންމެއަކަސް މަޗާޑޯއަށް މިއިނާމު ދޭން ނިންމި ނިންމުމަކީ ޓްރަމްޕަށް ނުދީ ފަރުޖެއްސުމާއެކު ހުޅަގުގެ ގައުމުތަކުގެ ފާޑުކިޔުން އަމާޒުނުވާނޭހެން ސިޔާސީ ކުލަޖެހިފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ. ކޮންމެއަކަސް މައުޒޫއަކީ ޓްރަމްޕަށް އިނާމު ނުލިބުމާއި ނޯބެލްގެ ކެމިސްޓްރީ އިނާމު ފަލަސްތީނަށް ނިސްބަތްވާ ސައެންޓިސްޓެއް ކަމަށްވާ އުމަރު މޫނަސް ޔާޣީއަށް މިފަހަރު ލިބުމެވެ. އެއީވެސް ޓްރަމްޕާއި އިޒްރޭލުން ރުޅިއަރާނޭ ކަމެކެވެ.
ނޯބަލް ޕްރައިޒަކީ ކޮބައިހެއްޔެވެ. އެއީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އިނާމެވެ. މި އިނާމު އެންމެ ފުރަތަމަ ދެވުނީ ޖުމްލަ ފަސް ދާއިރާއަކުންނެވެ. ތަންކޮޅެއް ފަހުން ހަވަނަ ދާއިރާއެއްވެސް ވަނީ އިތުރު ކުރެވިފައެވެ. މިއީ ސުވިޑަންގެ މަޝްހޫރު ސައިންސްވެރިޔާ އަދި އީޖާދީ ވިސްނުމުގެ ފަންނާނު އަލްފްރެޑް ނޯބަލްގެ ހަނދާނުގައި އޭނާގެ ވަސިއްޔަތުނާމާއާ އެއްގޮތަށް ކޮންމެ އަހަރަކު ދެވޭ އިނާމެކެވެ. މިދެންނެވި ހަ ދާއިރާއިން އިނާމުދެވޭ މީހުން ހޮވައި އިއުލާނު ކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ފުރަތަމަ ދެހަފުތާ ތެރޭގައެވެ. އިނާމު ހަވާލުކުރުމުގެ ހަފުލާ ބާއްވަނީ އަލްފްރެޑް ނޯބަލް އަވަހާރަވީ ދުވަހާ ދިމާކޮށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު ދިހައެއްގައެވެ. ނޯބަލްގެ އިނާމުދެވޭ ހަ ދާއިރާއަކީ ފިޒިކްސް، ކެމިސްޓްރީ، މެޑިސިން، ލިޓަރޭޗަރ، އިކޮނޮމިކްސް އަދި ދުނިޔޭގެ ސުލްހައިގެ ދާއިރާއެވެ. އެންމެ ފުރަތަމަ މިއިނާމު 1901 ވަނަ އަހަރުން ފެށިގެން ދެމުންއައީ ފަސް ދާއިރާއަކުންނެވެ.
އެންމެފަހުން 1969 ވަނަ އަހަރު އިތުރުކުރެވުނު ދާއިރާއަކީ އިކޮނޮމިކްސްއެވެ. މަތީގައި ބަޔާންކުރެވުނު ހަ ދާއިރާގެ ތެރެއިން ފަސް ދާއިރާއެއްގެ އިނާމު ދެވެނީ ސުވިޑަންގައެވެ. އެކަމަކު ސުލްހައިގެ އިނާމު ދެވެނީ ނޯވޭގައެވެ. މިހުރިހާ ދާއިރާއަކުންވެސް އިނާމާއެކު ރަން ޕްލޭޓް މެޑެއްޔަކާއެކު 1.1 މިލިއަން ޑޮލަރު ދެވެއެވެ. މި ހަދާއިރާގެ ތެރެއިންވެސް އެންމެ މަގުބޫލު ދާއިރާއަކީ ސުލްހައެވެ. ދުނިޔޭގެ ސުލްހައަށްޓަކައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާއި މީހުންގެ ތެރެއިން ހޮވައިލެވޭ ކޮންމެވެސް އެއްފަރާތަކަށް ނުވަތަ ބަޔަކަށް ދެވޭ މި އިނާމަށް ކިޔަނީ ނޯބެލް ޕީސް ޕްރައިޒެވެ. މި އިނާމަށް މީހުން ހޮވަނީ ނޯވޭގެ ޕާލަމެންޓުން މިކަމަށް އައްޔަންކޮށްފައިވާ މުޅިން މިނިވަން ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ނޯބެލް ޕީސް ޕްރައިޒް ފިޔަވައި އަނެއް ފަސް ދާއިރާއިން އިނާމު ދެވެނީ މީހުންނަށެވެ. އެކަމަކު ސުލްހައިގެ އިނާމު މީހުންގެ އިތުރަށް ޖަމިއްޔާ، ޖަމާއަތްތަކަށްވެސް ދެވެއެވެ.
ނޯބަލްގެ އިނާމުގެ ނަމުގައި ދުނިޔޭގެ ކުރިއެރުމާއި ތައުލީމާއި ސުލްހައަށްޓަކައި އެންމެ ބޮޑު މަސައްކަތެއްކުރާ މީހުން ފާހަގަކޮށް އެމީހުންނަށް އިނާމު ދިނުމަށް އަލްފްރެޑް ނޯބަލް ވަސިއްޔަތް ކުރެއްވީ ކީއްވެގެން ބާވައެވެ. އޭނާއަކީ މިޒަމާނުގެ ބަޑިބޭސް ނުވަތަ ޑައިނަމައިޓް އީޖާދުކުރެއްވި ސައިންސްވެރިޔާއެވެ. ގޮވާތަކެއްޗާއި ހަތިޔާރަކީ އޭނާގެ ވިޔަފާރިއެވެ. މިތަކެތިން ވަރަށް ބޮޑު މުއްސަނދިކަމެއް އޭނާ ހޯއްދެވިއެވެ. އޭނާގެ އުފެއްދުންތަކަކީ ފަނާކުރަނިވި ތަކެތި ކަމާއި ދުނިޔޭގެ ސުލްހައަށްހުރި އެންމެ ބޮޑު ނުރައްކަލަކީ މިތަކެތި ކަމަށް ފެނިވަޑައިގެން އޭނާ ވަސިއްޔަތް ކުރެއްވިއެވެ. އަހަރެންގެ ފައިސާޔާއި މުދައު ހޭދަކޮށްގެން ދުނިޔޭގެ ކުރިއެރުމާއި ސުލްހައަށް މަސައްކަތްކުރާ މީހުންނަށް އިނާމު ދޭށެވެ. ދުނިޔެއަކީ އަމާންތަނަކަށް ހަދާށެވެ. އަލްފްރެޑް ނޯބަލް އަވަހާރަވުމަށްފަހު ނޯބަލް ފައުންޑޭޝަން ވުޖޫދުކޮށް މިދެންނެވި އިނާމުތައް ދޭންފެށުނީ މިދެންނެވި ގޮތުންނެވެ. އަލްފްރެޑް ނޯބަލް އަވަހާރަވީ އުމުރުން 63 އަހަރުގައި މީލާދީން 1896 ގައެވެ.
ނޯބަލްގެ ސުލްހައިގެ އިނާމަކީ އެކަމަށް ޚާއްސަވެފައި އޮންނަ ކޮމިޓީއަކުން މިހެން ތިބެފައި މީހަކު ހޮވާފައި ދެވޭ އިނާމެއް ނޫނެވެ. މީހަކު ހޮވަނީ ކޮމިޓީއަށް ހުށައެޅޭ ނަންތަކެއްގެ ތެރެއިންނެވެ. އެގޮތަށް ނަން ހުށައެޅުމުގެ އިޚުތިޔާރު އޮންނަނީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގުވާމީ ކޯޓުތަކުގެ ފަޑިޔާރުންނަށާއި ބޮޑެތި ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނަށާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނަށާއި މިއިނާމު ކުރިން ލިބިވަޑައިގެންފައިވާ ބޭފުޅުންނަށެވެ. މިއަހަރުގެ އިނާމު ބޯމަތިވެގެން އައިއިރު އިނާމު ލިބޭތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ގައުމުތަކުގެ ވެރިންނަށް މަޖުބޫރުކޮށްގެން އޭނާގެ ނަން ހުށަހަޅައިގެންނެވެ. ޓްރަމްޕު ބުނަމުން ގެންދިޔައެވެ. ނޯބަލްގެ ސުލްހައިގެ އިނާމު މިފަހަރު އެންމެ ހައްގީ އަހަރެންނަށެވެ. އެހެނީ މިއަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު ވެރިކަމުގެ ހުވައި ކުރިފަހުން އަހަރެން އެވެނި މިވެނި ހަގުރާމަތަކެއް ހުއްޓުވައި ސުލްހަ ގާއިމުކުރީމެވެ. މިހެން ބުނެފައި ދިގު ލިސްޓެއްވެސް ކިޔައިދެއެވެ.
އެކަމަކު ހަގީގަތުގައި ޓްރަމްޕަކީ ސުލްހައަށް މަސައްކަތްކުރާ މީހެއް ނޫނެވެ. ކުރި މީހެއްވެސް ނޫނެވެ. އޭނާގެ ކަމަކީ ސުލްހަ ނަގައިލުމެވެ. އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ނޯބަލްގެ ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އެންމެފަހުން ހޯއްދެވި ބޭފުޅަކީ 2009 ވަނައަހަރު ރައީސް ބަރަކް އޮބާމާއެވެ. ޓްރަމްޕަކީ އޮބާމާއަކުން ނެއްޓެން ދަތިވެގެން އުޅޭ މީހެކެވެ. އޮބާމާއަށް ލިބުނު އެއްޗެއް ޓްރަމްޕަށް ލިބުމަކީ ކޮންމެހެންވެސް ވާންޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެންވީމާ ލަދުހަޔާތް ކުޑަކޮށްފައި ނޯބެލްގެ ސުލްހައިގެ އިނާމު ހޯދަން މަސައްކަތް ކުރީއެވެ. މިއިނާމު އޭނާއަށް ނުލިބި އެހެން މީހަކަށް މިއަހަރު ލިބުން ވެގެންދިޔައީ ހިޔަޅަށް މޭބިސްކަދުރު ހުތްވުން ކަހަލަ ކަމަކަށެވެ. އެހެރީ ރުޅިއައިސްފައެވެ. އެހެންވީމާ ބަދަލު ހިފުމުގެ ގޮތުން، ދަތިކުރުމުގެ ގޮތުން ނޯވޭއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފާނެ ކަމަށް ނޯވޭ އެއޮތީ ވިސްނައިގެން ފާރަވެރިވެގެންނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ