ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ނިމުމުގެ ކުރިން އެ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ އިހުތިޔާރު ނޯންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ހަފުތާގައި ހަވާލުކުރަން ފެށި ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ޖަހާފައިވާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޔުނިޓުތައް ކުއްޔަށް ދޫކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށާއި އެކަމަކީ އެފްޑީސީ އާއި ޔުނިޓު ލިބިފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
"އެފްޑީސީން ހަވާލުކުރާ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ނިމުމުގެ ކުރިން އެ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު އެ ޔުނިޓު ލިބިފައިވާ ފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ލިބިދީފައި ނުވާނެކަމާއި، އަދި އެ ތަންތަނަކީ އެ ތަންތަން ލިބޭ ފަރާތްތަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަން ކަމުގައި ފާހަގަކުރަމެވެ..،" އެފްޑީސީގެ ބަޔާނުގައި ބުންޏެވެ.
އެފްޑީސީން ބުނީ ޔުނިޓު ލިބޭ ފަރާތާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ޔުނިޓު ލިބޭ ފަރާތުން ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އަދި އެއާ ހިލާފަށް ޔުނިޓު ލިބޭ ފަރާތުން އަމަލުކޮށްފިނަމަ، އެކަމެއް ބަލައި ޔުނިޓުގެ ވެރިފަރާތާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންކަމުން ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށާއި އެ ސްކީމުތަކުގެ މަގުސަދުތައް ހާސިލުކޮށް، އެކަމުގެ ހައްގުވެރިންނަށް ފައިދާކުރާނެ ގޮތަކަށް އެ ސްކީމުތައް ހިންގުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
އެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށެވެ.
އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މި އަންނަނީ މަސައްކަތް ކުރަމުންނެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ފާހަގަކުރައްވައިފައެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ފްލެޓު ލިބޭ ފަރާތުން އެހެން ބަޔަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާ ބެލުމާއި އެކަމަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެފްޑީސީއަށް ލިބިގެންވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން