ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ކުއްޔަށް ދީފައިވޭތޯ ބަލަން އެތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ހަފުތާގައި ހަވާލުކުރަން ފެށި ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ޖަހާފައިވާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.
މިނިސްޓަރު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށެވެ.
އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މި އަންނަނީ މަސައްކަތް ކުރަމުންނެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ފާހަގަކުރައްވައިފައެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ފްލެޓު ލިބޭ ފަރާތުން އެހެން ބަޔަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާ ބެލުމާއި އެކަމަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު