މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހުޅުމާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައިި ހައްޔަރުކޮށްފައިވަނީ ނ.ވެލިދޫ / ރެޑިޔަމްވިލާ، އަޙްމަދު މައިޝާން ނަސީމް (20އ) އާއި ނ.ވެލިދޫ / ޑޭޒީމާގެ، ހަސަން ނާއިމް (26އ) އާއި ނ.ވެލިދޫ / ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހީމް (18އ) އަދި ނ.ކުޑަފަރި / ލިލީގެ، އިބްރާހީމް ރިޔާޝް (18އ) އެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.