އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި ރޭ ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ފައެނާ ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނީ ކޯޓުން ފައެނާ ދޫކޮށްލި ނަމަވެސް އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ.

އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގު ފެނިފައިވާކަންވެސް އެނގިފައިވެއެވެ. ނަމަވެސް އޭގެ ސީދާ ބަރުދަނެއް އަދި ބާވަތެއް ޔަގީނެއް ނޫނެވެ.

ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާއެވެ. އޭޖީ އޮފީހުގެ އިސް ބައެއް މަގާމުތައްވެސް މީގެ ކުރިން އޭނާ ފުރުއްވާފައިވެއެވެ.