ފެނަކައިގެ ހާއްސަ އޮޑިޓުގެ މަސައްކަތް ފެށިއިރު ތިން ބިލިއަނެއްހާ ރުފިޔާގެ އަގުހުރި ޕާޗޭސް އޯޑަރުތައް ސިސްޓަމަށް ނާޅާ ހުރިކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފެނަކައިގެ ހާއްސަ އޮޓިޑް ރިޕޯޓާ ބެހޭގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ފެނަކަ އޮޑިޓް އަޅުގަނޑުމެން 2023 ގައި ފެށިއިރު ވެސް 12،000 ޕީއޯ ސިސްޓަމަށް ނާޅައި އޮތީ. އެއީ ގާތްގަނޑަކަށް އަދަދުގެ ގޮތުން ބަލާނަަމަ ތިން ބިލިއަނެއްހާ ރުފިޔާގެ ޓްރާންސެކްޝަން ވެލިއުގެ 12،000 ޕީއޯ،" އޭނާ ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ އެ ކުންފުނީގެ އޮޑިޓު ލަސްވީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

ނިޔާޒީ ވިދާޅުވީ ވޭސްޓޭޖާއި ފްރޯޑު ފަދަ ކަންތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ނުހުއްޓުވޭނެ ކަމަށެވެ. މައްސަލަތައް ހުރީ އެއަށްވުރެ މާ ފުޅާކޮށް ކަމަށާއި، އެހެން ގައުމުތަކުގައި ވެސް އެފަދަ ކަންކަން ބަދަލު ކުރެވެނީ، މުޅި ގަވަނަންސް ރަނގަޅުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.

ކުންފުނި ހިންގަން މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބޯޑާ ހަވާލު ކުރާއިރު ބޯޑުގެ އަދި މެނޭޖިން ޑިރެކްޓަރުގެ ޒިންމާތައް ވެސް އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަކީ ފިނޭންސް މިނިސްޓްރީން ސަބްސިޑީ ދީގެން ހިންގާ ތަންތަން ކަމަށާއި، އެގޮތަށް ސަބްސިޑީ ދޭއިރު މިނިސްޓްރީން ބަލަން ޖެހޭ ކަންތަކެއްވެސް އެބަހުރި ކަމަށެވެ. އަދި ބޭންކުން ގެރެންޓީ ދީގެން ކުންފުނިތަކަށް ލޯނު ނަގާ އިރު، މީގެ ކުރިން ކުރި އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަންތައް ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އޭގެ ތެރެއިން ކިހާ ފައިސާއެއް ލިބިފައިވޭތޯ ބަލަންޖެހޭ ކަމަށާއި، މައްސަލަތައް ހައްލު ކުރުމަށް އޮޑިޓު އޮފީހުން ވެސް ކަންތައްތައް ހަރުދަނާކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދަންނަވާލަން ބޭނުން ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައިދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތައް ހުންނަކަން. އެހެންވީމާ ހިސާބު ކިތާބު ރަނގަޅަށް އަޕްޑޭޓުކޮށް ބެލެހެއްޓުމަކީ ކުންފުނީގެ ހިންގުންތެރިކަން ހަރުދަނާވެ، ޖަވާބުދާރީވުން ހަރުދަނާވެ އަދި ވޭސްޓޭޖާއި ކޮރަޕްޝަން ފަދަ ނާޖައިޒު ކަންތައްތައް ވެސް މަދު ކުރުމަށް ހަމަ އެޅިގެންދާނެ ރަނގަޅު ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.