ޗުއްޓީ ނުނަގައި އޮންނަ ބާކީ ދުވަސްތަކަށް ފައިސާ ދިނުމުގެ އުސޫލަކީ މިހާރު ދައުލަތުގައި ނެތް އުސޫލެއް ކަމަަށާއި، އެކަން އެހެން ނުކުރުމަށް މިނިވަން މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)އިން ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީއަށް ސިޓީ ފޮނުވީ ސިވިލް ކޮމިޝަންގެ މެންބަރުންގެ ދައުރު ހަމަވާތީ އެ މެންބަރުންނަށް ހައްގުވާ އަހަރީ ޗުއްޓީގެ ތެރެއިން ބޭނުން ނުކުރެވި ބާކީ ދުވަސްތަކެއް އޮތުމާއެކު އެ ދުވަސްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރާނެގޮތުގެ ލަފައެއް ހޯދުމަށެވެ.

ސީއެސްސީގެ ސިޓީގައި ބުނެފައިވަނީ، ދައުލަތުގެ މިނިވަން ކޮމިޝަންތަކުގެ މެންބަރުންގެ ދައުރު ހަމަވުމުންނާއި، މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ވަޒިފާއިން ވަކިވާ ހާލަތުގައި އަދި ވަކިކުރާ ހާލަތުގައި، ޗުއްޓީގައި ބާކީ އޮންނަ ދުވަސްތަަކަށް ފައިސާ ދިނުމުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އަމަލު ކުރަނީ އެއް ހަމަޔަކަށް ނޫންކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

"އެހެންކަމުން މި ކޮމިޝަންގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރުންނަށް ހައްގުވާ އަހަރީ ޗުއްޓީގެ ތެރެއިން ބޭނުން ނުކުރެވި ބާކީ ދުވަސްތަކެއް ހުރުމާއެކު އެދުވަސްތަކަށް ފައިސާ ދިނުމާމެދު އަމަލު ކުރާނެ ގޮތުގެ ލަފައެއް ކޮމިޓީން ދެއްވުން އެދެން،" ސީސީއެސްސީގެ ސިޓީގައި ވެއެވެ.

މި މައްސަލަައިގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ޗުއްޓީ ނުނަގައި ބާކީ އޮންނަ ބަޔަށް ފައިސާ ދޭ އުސޫލެއް ދައުލަތުގައި މިހާރު ނޯންނަ ކަމަށެވެ.

"އެހެންވީމަ އެއީ ކުރެވިގެންވާނޭ ކަމެއްނޫން، ވަކިވުމުގެރިން ޗުއްޓީ ނަގާނީ، އިތުރަށް ދެވޭނެ ފައިސައެއް ނޯންނާނެ. އެހެންކަމުން އެ އުސޫލުން އެކަމެއް ނުކުރެވޭނެ، އެއީ އުސޫލާ ހިލާފަށް ކުރަމުން އަންނަކަމެއް،" ގަޕޯ ވިދާޅުވިއެވެ.

އޭގެ އިތުރުން އެކަން އެ ގޮތަށް ނުކުރެވޭނެ ކަަމަށް މިނިވަން މުއައްސަސާ ތަކަށާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް އަންގަން ކޮމެޓީން ފާސްކުރަންވެސް ގަޕޯ ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތާއީދު ކުރައްވައިގެން ކޮމިޓީން ފާސްްކުރިއެވެ.