އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ކިޔަވަން ނުކުންނާނީ އޭސީ ކުލާސްރޫމްތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެކަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރިއަށްގެންގޮސްފައިވާ ހިސާބުން ވެސް ޓާގެޓު އެބަ ހާސިލުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ ދިރާސީ އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުދިން ނުކުންނާނީ އޭސީ ކުރެވިފައި ހުރި ކުލާސްރޫމްތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ މި އަންނަ އަހަރުގެ ދިރާސީ އަހަރަށް ނުކުންނަ އިރުގައި، އޭސީ ކުރެވިފައި. އެކަން ވެސް އަޅުގަނޑުމެން ހާސިލުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ސްކޫލެއްގެ ހޯލުތައް އޭސީ ކުރުމަކީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ކަމަށާއި އެކަމަށް އަންނަ އަހަރަށް ބަޖެޓުކޮށްގެން މަސައްކަތް ފެށިގެންދާނެ ކަމަށެވެ.