ބޭންކް އޮފް މޯލްޑިވްސް އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

އެ ބްރާންޗްގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ "މާމިގިލީގައި އާ ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތާއެކު، އަޅުގަނޑުމެން މި ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން" ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 248 އޭޓީއެމްގެ ހިދުމަތް ބީއެމްއެލުން ވަނީ ގާއިމުކޮށްފައެވެ.