ރަށްރަށުގައި ހުރިހާ އަސާސީ ހިދުމަތެއް ގާއިމުކުރަނީ އަތޮޅުގެ ވަކި ރަށެއް ނުވަތަ މާލެއަށް އަޅުދާސްތުވުން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މާމިގިލީގައި ވެސް އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ލުއިވާނެ ގޮތަށް މިފަދަ އަސާސީ ކަންކަން ގާއިމުކޮށްދޭން ކަމަށެވެ.

"އަބަދު މާލެއަށް، ނޫނިއްޔާ އެ އަތޮޅުގެ ކޮންމެވެސް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލުކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އެހެންވީމާ ރަށްރަށުގައި އޭޓީއެމް ވެސް މި ގާއިމުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމްތައް ރަށްރަށުގައި ގާއިމުކުރާތީ އެކަމަށް މަލާމާތްކުރާ މީހުން ވެސް އެބަތިބި ކަމަށާއި އެއީ އެމީހުންނަށް ނިކަމެތިކަމާއެކު ރައްޔިތުން އުޅެމުން އައި ގޮތް ނުވިސްނޭތީ ރައްދުކުރާ ބަސްތަކެއް ކަމަށެވެ.

"އަތުން އެތައް ހަރަދެއް ކޮށްފައި، ކައިރީގައި އޮތް އެހެން ރަށަކަށް ގޮސް، ފައިސާކޮޅެއް ޖަމާކޮށް ނަގަމުން އުޅުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ނިމެނީ މި މަސްތެރޭގައި. ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް އެބަ ނިމޭ މި މަސް ތެރޭގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑޮލަރު އޭޓީއެމްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި ބީއެމްއެލްގެ ބްރާންޗުތައް ހެދުމުގެ މަސައްކަތް ވެސް ފެށެމުންދާ ކަމަށެވެ.