އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޓެކްސް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގެ އެންމެ ކުރީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ނަން އޮތުމުން، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުންނެވެ.

މީކާއީލް ވިދާޅުވީ، ސަރުކާރަށް އިތުބާރު ނެތިގެން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކުން އިތުބާރު ނެތިގެން ވަކިކުރި ފަނޑިޔާރަކު ޓެކްސް ޓްރައިބިއުނަލް އައްޔަންކުރަން މި ސަރުކާރުން ލިސްޓުގެ ކުރީގައި ހިމަނުއްވައި ފޮނުއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

"އެ ދުވަހު މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތިއްބެވި ފަރާތުން އަޅުގަނޑުމެންނަށް އިވިގެންދިޔައީ އެ ފަނޑިޔާރުންނަކީ ނަޒާހަތްތެރިކަމެއް ނެތް، ކޮރަޕްޓް، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ހުތުރު އަރުވާބައެއްގެ ގޮތުގައި. އެހެންނަމަވެސ،ް މިއަދު މަޖިލީހުގެ ތަޅުމުގައި އަޅުގަނޑުމެންނަށް އިވިގެން މި ދިޔައީ ދިވެހި ރައްޔިތުންގެ ޓެކްސްގެ ކަންކަމުގައި ގޮތް ނިންމުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ ޕީއެންސީގެ މެންބަރުންނަށް ކޮރަޕްޓްވި، ނަޒާހަތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮށްޓަރެއް ނެތް، އެފަދަ ފަނޑިޔާރެއްގެ ނަންފުޅު،" އޭނާ ވިދާޅުވިއެވެ.

އެ ދުވަހު ސަރުކާރުން ބުނަމުންދިޔައީ މަހާޒަކީ ކޮރަޕްޓް ބޭފުޅެއް ކަމަށާއި، ނަމަވެސް މިއަދު ރައީސް އެ ނަން ފޮނުވާފައިވަނީ ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް މީކާއީލް ވިދާޅުވިއެެވެ.

މީކާއީލްގެ ވާހަކަތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށެވެ. އަދި އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނުކަން ހަނދާން ކޮށްދެެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވި ތަރުތީބުން މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި އެންމެ އިސްކަންދެއްވާފައިވަނީ މަހާޒަށެވެ.

ނަމަވެސް މިއަހަރުގެ މެއިމަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީވެސް ޕީއެންސީ މެޖޯރިޓީން ފާސްކޮށްގެންނެވެ.