ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަން މައްސަަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ ސުވާލުކުރަން އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާގޮތުން އެ މައްސަލައާ ބެހޭގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ކުރައްވާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.
މެންބަރު ވަނީ ފަސް ސުވާލެއް ކުރައްވައިފައެވެ.
ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާކަމަކީ ރެގިއުލޭޓްކުރުން ފާހަގަކޮށް، އާސަންދައިން އައިނު ހައްދަދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ، ވަނީ ސުވާލުކުރައްވައިފައެވެ.
އޭގެ އިތުރުން އިގުތިސާދެއް ދެމިއޮންނަނީ އަމިއްލަ ވިޔަފާރިތައް ދެމިއޮވެގެން ކަމަށްވާ އިރު، އައިނު ވިއްކުމުގެ ވިޔަފާރިއަކީ އަމިއްލަ ގިނަ ކުންފުނިތަކަކުން ޒަމާންތަކެއް ވަންދެން ކުރަމުން އައި ވިޔަފާރިއެއް ކަމަަށާއި، މި ވިޔަފާރީގެ ތެރެއަށް ކުއްލި ގޮތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތަކަށް ދިމާވެދާނެ ގޮންޖެހުންތައް، ކިހާވަރަކަށް ދިރާސާކުރެއްވިންތޯ އާއި އެ ދިރާސާގެ ނަތީޖާ އަކީ ކޮބައިތޯވެސް ސުވާލު ކުރައްވާފައިވެއެވެ.
މިދިޔަ ޖޫން މަހުން ފެށިގެން އާސަންދައިން ނަންބަރު އައިނަށް 2،000 ރުފިޔާ ލިބޭނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ސަރުކާރު ހޮސްޕިޓަލްތަކުގައި އައިނު ފިހާރަތައް ވަނީ ހުޅުވަން ފަށައިފައެވެ. އެގޮތުން އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި ރީޖަނަލް ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ވަނީ އައިނު ފިހާރަަތައް ހުޅުވައިފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް