ޗައިނާއާއި އިންޑިއާއާ ދެމެދު ޑައިރެކްޓް ފްލައިޓު ދަތުރު އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން އިއްޔެ ބުނީ، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއާއި އިންޑިއާއާ ދެމެދު ޑައިރެކްޓް ފްލައިޓުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިމަސްތެރޭ ދަތުރުތައް ފެށޭނެ ކަމަށެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ކުނޑިޖެހިފައިވާ ގުޅުން ބަދަހިވަމުން އަންނަ އިރު، ދެ ގައުމުން ވަނީ ދެ ގައުމުގެ އިސްވެރިން އެކިފަހަރުމަތިން ބައްދަލުކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ކަންކަމާ މެދު މަޝްވަރާތައް ކޮށްފައެވެ.

2020 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް ފްލައިޓު ދަތުރުތައް ފެށުމާއެކު ދެ ގައުމަށްވެސް ވިޔަފާރީގެ ގިނަ ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިމަހުގެ ފަހުކޮޅު އިންޑިއާގެ އިންޑިގޯ އިން އެ ގައުމުގެ ކަލްކަތާއިން ޗައިނާގެ ގުއަންޒޯއާ ދެމެދު ދަތުރުތައް ފެށުމަށް ނިންމާފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ވެރިރަށް ދިއްލީއާއި ގުއަންޒޯއާ ދެމެދު ދަތުރުތައް ފެށޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީޖިން ޕިން މީގެކުރިން ބޭއްވި ބައްދަލުވުމަކަށްފަހު ވަނީ ދެ ގައުމު ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށާއި އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ފާހަގަކޮށްފައެވެ.