އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ދުނިޔޭގެ އެެކި ގައުމުތަކުގެ އެކްޓިވިސްޓުން ދަތުރުކުރަމުންގެންދާ "ގްލޯބަލް ސުމޫދު ފްލޮޓީލާ" އަށް އިޒްރޭލުން ހުރަސް އެޅުމުން، އެކަން ރައީސް ޑރ. މުހައްމަަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
އެ ފްލޮޓީލާގައި 44 ގައުމަކުން 40 ބޯޓާއި 500 ބައިވެރިން ހިމެނޭ ކަމަށާއި އެމީހުން ކަނޑުމަގުން ދަތުރުކުރަމުންގެންދަނީ އެންމެ ނުރައްކާތެރި ޒޯނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް ޑރ. މުއިއްޒުގެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިނިވަންކަމާއި އަސާސީ ޒަރޫރީ ބޭނުންތައް ގެއްލިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ އިންސާނީ ގާފިލާއަކަށް ހަމަލާ ދިނުމަކީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް. އިޒްރޭލުން އިންސާނީ ކަރާމާތަށް އިހުތިރާމް ނުކުރާ އަދި އޯގާތެރިކަމާއި ހަމްދަރުދީގެ ސަބަބުން ދުނިޔޭގެ މުޖުތަމައާ ވަކިވެގެން ހިނގައްޖެ އެވެ." ރައީސްގެ މެސެޖުގައި ވެއެވެ.
އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ މިފަދަ އަމަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުން އިންސާނީ ހައްގުތަކާއި އަދުލުވެރިކަމާއި ސުލްހަމަސްލަހަތު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ބޯޓުތަކަށް އަރައިގަތީ އަސްކަރީ އުޅަނދުތަކުން އެ ބޯޓުތައް ވަށާލުމަށްފަހުއެވެ. ބޯޓުތައް ހުއްޓުވައި 37 ގައުމަކަށް ނިސްބަތްވާ 201 މީހަކު އިޒްރޭލުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ސްވިޑަންގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
ގާޒާ
ގާޒާ
ގާޒާ
ގާޒާ