މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިން ހިންގުމުގެ ހުއްދަ ދީފިއެވެ.

އެ ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދެވެ.

1 އޮކްޓޯބަރު 2025، އެމްއެންއެސްޑީއޭ އިން ހިންގާ ކޯސްތައް އެމްއޭސީއެލްގައި ހިންގުމުގެ ހުއްދަ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނަރުންނާއެކު އެއިމް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެމްއޭސީއެލުން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.