ރަންވީރު ސިންގް، ޒޮމްބީ ފިލްމެއްގެ މަސައްކަތް ޖޭއި މެހެތާއާއެކު ފަށަން ތައްޔާރުވަމުން އަނަނަ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ.

މި ފިލްމު 2027 އަހަރުގެ މެދުތެރޭ ނެރެން ހަމަޖެހިފައިވާއިރު، އުފައްދާނީ 'އެޕްލޯސް އެންޓަޓެއިންމަންޓް' އިން ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމަކީ "ޕްރަލޭ" އެވެ. މި ނަން ދީފައިވަނީ ފިލްމުގެ ވާހަކައާ ގުޅުވައިގެންނެވެ. ފިލްމުގައި ދައްކުވައިދޭނީ ކުއްލި ގުދުރަތީ އަދި އިންސާނުންގެ ސަބަބުން ދިމާވާ ބޮޑު ކާރިސާއެއްގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކެވެ.

މި ފިލްމު ބިނާވެފައިވަނީ އިންސާނިއްޔަތުގެ ވާހަކައެއްގެ މައްޗަށެވެ. އެގޮތުން އެންމެ އުނދަގޫ ހާލަތްތަކުގައި ވެސް އޭނާގެ އާއިލާ ސަލާމަތް ކުރުމަށްޓަކައި މީހަކު ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. ރަންވީރު ވަރަށް ބޮޑަށް މި ސްކްރިޕްޓަށް ހިތްޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޑޯން 3" ނިމުމުން، އަންނަ އަހަރު މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތައް ބުނެއެވެ. "ވޯލްޑް ވޯ ޒެޑް" އަދި "އައި އެމް އަ ލެޖެންޑް" ފަދަ ފިލްމުތަކާ އެއްފަދަ މި ފިލްމަށްޓަކައި ގިނަ ދުވަހު މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ފިލްމުގެ އަންހެން ލީޑް ރޯލަށް ކާސްޓު ކުރުމަށްޓަކައި އޭ ލިސްޓުގެ އެކްޓަރުން ބަލަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ރަންވީރު މިހާރު ތައްޔާރުވަމުން އަންނަނީ "ދުރަންދަރު" އަދި "ޑޯން 3" ރިލީޒް ކުރުމަށެވެ.