ޏ. ފުވައްމުލައް މާލެގަން އަވަށުގައި ހުންނަ ޔޫރޯ ސްޓޯރު ފަޅާލައި އެތަނުން ވައްކަންކުރި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޏ. ފުވައްމުލައް އުޑުވިލާގެ އަހްމަދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރިއެވެ.

އެއީ ތަނުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ޔޫރޯސްޓޯރަށް ވަދެފައިވާތީ، ކުރި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި، ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާތީ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އާއި، ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެެ ފިހާރައިގެ ގުދަނަށް ވަދެ ސިނގިރޭޓް ކޭސްތަކަކާއި ސިނގިރޭޓް ކާޓޫނު ތަކަކާއި ފޯނެއް ވަގަށްނަގާފައިވާތީ، ކުރި ވައްކަން ކުރުމުގެ ދައުވާއެވެ.

މީގެ ތެެރެއިން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 27 ދުވަހަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި އެއް މަހާއި 24 ދުވަސް، އަދި ވައްކަން ކުރުމުގެ ކުށުގައި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.