ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަށްރަށުގައި އަލަށް ބަހައްޓާފައިވާ އޭޓީއެމްތަކުން މިއަހަރުގެ މިހާތަނަށް ޖުމުލަ 313 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، އެ ބޭންކުން އަންނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ.

ބީއެމްއެލުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ބޭންކުން ވަނީ މިއަހަރުގެ މިހާތަނަށް ރަށްރަށުގައި 82 އޭޓީއެމް ބަހައްޓައިފައެވެ. އެ ރަށްތަކުގައި ބެހެއްޓުނު އޭޓީއެމްތައް މެދުވެރިކޮށް 122،000 މުއާމަލާތްކޮށްފައިވާ ކަމަށް ބީއެމްއެލްގެ ހިސާބުތަކުން ދައްކައެވެ.

އެ މުއްދަތުގެ ތެރޭގައި އެ އޭޓީއެމްތަކުން ޖުމުލަ 313 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ އިރު، 145 މިލިއަން ރުފިޔާ އެ އޭޓީއެމްތަކަށް ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އެ ބޭންކުގެ އޭޓީއެމްތައް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް މާލެ ސިޓީން 14،000 މުއާމަލާތްކުރެއެވެ. އެއީ 78 މިލިއަން ރުފިޔާގެ މުއާމަލާތެވެ. އަދި ރަށްރަށުގެ އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 9000 މުއާމަލާތްކުރާ އިރު، އެއީ 25 މިލިއަން ރުފިޔާ މުއާމަލާތް ކަމަށް ހިސާބުތަކުން ދައްކައެވެ.

ބީއެމްއެލުން މިއަދު ވަނީ ރ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. އެއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 16 ވަނަ އަތޮޅެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 188 ސެލްފްސާވިސް ބޭންކިން ސެންޓަރު، 246 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.