އާއިލާ މީހަަކަށް އަނިޔާ ދީ ބިރުދެއްކި މައްސައަލާއާއެކު ފަސް މައްސަަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާދިން، މ. ހަނީކޯމްބް އަހުމަދު ޖަޒީލް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެދަށުން ކުރި، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އާއި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

މީގެ ތެރެއިން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގައި ތިންމަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، އަދި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގައި ދެ މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާގެ ތެެރެއިން އެއް ދައުވާގައި ނުވަ މަސްދުވަހުގެ މުއްދަތަށް، އަނެއް ދައުވާގައި ހަތަރުމަސްދުވަހުގެ މުއްދަތަށް އަދި، އަނެއް ދައުވާގައި އެއް އަހަރާއި ހަތްމަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.